ޚަބަރު

މަޖިލީހުގެ މައިނޯރިޓީ ލީޑަރަކަށް ސަލީމް


ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަނޑައަޅުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ޤަވާޢިދު ހަމަޖެހިފައިވާ ގޮތުން، މައިނޯރިޓީ ލީޑަރަކީ އިދިކޮޅު ޕާޓީތަކުގެ ތެރެއިން މިވަގުތު އެންމެ ގިނަ ޢަދަދަކަށް މެމްބަރުން ތިބި ޕާޓީއަށް ނިސްބަތްވާ މެމްބަރެއްކަމަށެވެ.

އެގޮތުން މިވަގުތު އިދިކޮޅު ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދަކަށް މެމްބަރުންތިބީ ޕީޕީއެމްގައިކަމަށެވެ. ޕީޕީއެމްގައި ތިބީ 5 މެމްބަރުންކަމަށެވެ. މަޖިލީހުގައި ތިއްބެވި ޕީޕީއެމްއަށް ނިސްބަތްވާ 5 މެމްބަރުންގެ ތެރެއިން މައިނޯރިޓީ ލީޑަރެއްކަމަށް ކަނޑައަޅާފައިވަނީ އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމެވެ.

މިޖަލްސާގައި ވާހަކަފުޅުދެއްކެވި އެކި ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންވަނީ މައިނޯރިޓީ ލީޑަރަކަށް އޭދަފުށީ ދާއިރާގެ މެމްބަރު އައްޔަން ކުރުން އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މައިނޯރިޓީ ލީޑަރަކީ ސިވިލްސާވިސް ތެރޭގައާއި، އެޓޯލްމިނިސްޓްރީގައިވެސް ގިނަ މަސައްކަތް ކުރައްވާފައިވާ މެމްބަރެއްކަމަށެވެ.