ޚަބަރު

އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކުށުގެރެކޯޑް ސްޕްރީމްކޯޓުން ވަގުތުން ސާފުކޮށްދެނީ


ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑު ފޯމުތައް ނިންމުމަށްފަހު، ވަގުތުން ދޫކުރާގޮތަށް ސްޕްރީމް ކޯޓުން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ އެންމެ މަތީކޯޓް ސްޕްރީމް ކޯޓުން އާންމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވީ ކުރިއަށް އޮތް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޑިޑޭޓުންގެ ގޮތުގައާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލައްވާ ފަރާތްތަކުން ސާފުކުރުމަށް ހުށަހަޅާ ރެކޯޑުފޯމުތައް ނިންމުމަށްފަހު، ވަގުތުން ދޫކުރާގޮތަށް ނިންމާފައިވާކަމަށެވެ.

މި ގޮތުން މިއަދުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލައްވާ ފަރާތްކުގެ ފޯމުތައް ބަލައިގަތުމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅުއްވާފައިވާ އެންމެ ފަހު ތާރީޚް ކަމުގައިވަ 24 ފެބުރުވަރީ 2020 ވަނަދުވަހުގެ ނިޔަލަށް މި ގޮތަށް އަމަލުކުރަމުން ގެންދާނެކަމަށްވެސް ސްޕްރީމް ކޯޓުން ވަނީ ވިދާޅުވެފައެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަކީ އެއްދުވަހެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ 2 އިންތިޚާބަކަށްވުމުން އިންތިޚާބުގައި ގިނަ އަދަދެއްގެ ބަޔަކު ވާދަކުރާނެކަމަށް އިލެކްޝަން ކޮމިޝަނުން ލަފާކުރެއެވެ. އިންތިޚާބަށް ކުރިމަތިލައްވާ ގިނަ ބޭފުޅުންނަށް މިފަދަ ލުއިގޮތްތަކެއް ސްޕްރީމްކޯޓުން ހަމަޖެއްސުމުން އިންތިޚާބްގައި ވާދަކުރައްވާ ފަރާތްތަކަށް ކުށުގެ ރެކޯޑް ސާފުކުރުމަށް ލުއިވެގެންދާނެއެވެ.

ދެ އިންތިޚާބަކީވެސް އެއްދުވަހެއްގައި ބާއްވާ ދެ އިންތިޚާބަކަށް ވުމުން ދެ އިންތިޚާބްގައި ވާދަކުރައްވާ ފަރާތްތަކުންވެސް ދުރާލާ ވީހާވެސް އަވަހަކަށް ފޯމް ހުށަހެޅުއްވުމަށް އިލެކްޝަން ކޮމިޝަނުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.