ޚަބަރު

މިޞްރަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް ޑރ.ޙުސައިން ނިޔާޒު


އެކުވެރި ޢަރަބި ޢިމާރާތަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު، ޑޮކްޓަރ ޙުސައިން ނިޔާޒް މިޞްރަށް ރާއްޖެއިން ޢައްޔަން ކުރައްވާ ނޮން-ރެސިޑެންސް ސަފީރުކަމަށް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

މިޞްރަށް ރާއްޖެއިން ޢައްޔަން ކުރައްވާ ނޮން-ރެސިޑެންސް ސަފީރުކަމަށް ޑރ.ހުސެއިން ނިޔާޒް ޢައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 74 މެމްބަރުންގެ ވޯޓުންނެވެ.

ވޯޓަށް އެހުމުގެ ކުރިން ޤާނޫނުއަސާސީގެ 115ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ނޮން-ރެސިޑެންޓް ސަފީރުން ކަނޑައެޅުމަށްޓަކައި، އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ހ.ނިޔާސާ، ޑރ.ޙުސައިން ނިޔާޒު، މިޞްރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމާމެދު، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުވަނީ ތަޅުމަށް އިއްވާފައެވެ.

މިރިޕޯޓް މަޖިލީހުގެ ތަޅުމަށް އިއްވައި ދެއްވީ ކޮމިޓީގެ މުޤައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފެވެ.

އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް، ޑރ.ޙުސައިން ނިޔާޒް ޢައްޔަން ކުރައްވާފައިވަނީ 2017ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20ވަނަ ދުވަހުއެވެ.