ޚަބަރު

ސީއެސްސީގެ 4 މެމްބަރުންނަށް ލިޔުމުން ޖަވާބުދާރީވުމަށް ފުރުޞަތުދީފި


ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ބަލަމުންދާ މައްސަލަތަކުގައި ސިވިލްސަރވިސް ކޮމިޝަނުގެ ރައީސާއި، ނައިބްރައީސް ހިމެނޭގޮތަށް 4 މެމްބަރަކަށް އަންނަ އާދީއްތަދުވަހުގެ ކުރިން ލިޔުމުން ކޮމިޓީއަށް ޖަވާބުދާރީވުމަށް ފުރުޞަތު ދެއްވައިފިއެވެ.

ސިވިލްސަރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހީމް ޝަހީޤާ ގުޅޭގޮތުން ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ކޮމިޓީއަށް ލިޔުމުން ޖަވާބުދާރީވުމުގެ ފުރުޞަތު ދެއްވާފައިވަނީ މިއަދު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައެވެ. މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ މިބޭފުޅުންގެ ހުށަހެޅުންތަކާއެކު ކޮމިޓީން އެކުލަވާލާ ރިޕޯޓާއި، ކޮމިޓީން ނިންމާގޮތެއް މަޖިލީހުގެ ތަޅުމަށް ފޮނުވާނެކަމަށެވެ.

ސިވިލްސަރވިސް ކޮމިޝަނުގެ ރައީސާއި، ނައިބްރައީސް ހިމެނޭގޮތަށް އެ ކޮމިޝަނުގެ 4 މެންބަރަކާ ގުޅޭގޮތުން މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން ބަލާފައިވަނީ މައިގަނޑު 5 މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލްސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލަތަކާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަންކުރުމުގައި ނޫފޫޒުގެ ބޭނުންކުރުމާއި، ކޮމިޝަނުގެ ބައެއް މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަލަތައްވެސް މީގެތެރޭގައި ހިމެނެއެވެ.

ސިވިލްސަރވިސް ކޮމިޝަނުން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ސަރުކާރުގެ އެއްވެސް ވުޒާރާއަކަށް ދަތިވޭތޯ ބެލުމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ ދައުލަތުގެ ވަޒީރުންނާވެސް ބައްދަލުކުރައްވައި މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ވަޒީރުންވަނީ ސިވިލް ސާރވިސް ކޮމިޝަންގެ މެންބަރުންގެ ސަބަބުން ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކަށް ހުރަސްއެޅި ލަސްވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް ހުރިގޮތުން ސަރުކާރު އޮފީސްތައް ހިންގުމަށް ދަތިވެ ބައެއްކަންކަން ނުނިމި ދިގުލައިގެން ގޮސް ބައެއްކަންކަން ހުއްޓުމަކަށް އައިސްފައިވާކަމުގެ ކަންބޮޑުވުންވެސް ވަޒީރުން ވަނީ ފާޅުކުރައްވާފައެވެ.

ޤާނޫނު އަސާސީގެދަށުން ލިބޭ އެތައް ޙައްޤެއް ހަނިވާގޮތަށް ސިވިލް ސަރވިސް ކޮމިޝަނުން ފާއިތުވެދިޔަ ދުވަސްތަކުގައި ނިންމާފައިވާ ނިންމުންތަކުގައި ޝާމިލުވާ 4 މެމްބަރުން މަޤާމުން ވަކިކުރުމާއިމެދު މީގެކުރިން ކޮމިޓީގައިވަނީ މަޝްވަރާކުރައްވާފައެވެ.