ޚަބަރު

ކޮރަޕްޝަން ނުހިމެނޭ މައްސަލަތަކުގެ ތަހްޤިޤުގައިވެސް ބަލާނީ، ދައުލަތަށް އެންމެ ގެއްލުން ކުޑަ ގޮތަކަށް - އޭސީސީ


ކޮރެޕްޝަން ނުހިމެނޭ މައްސަލަތަކުގައިވެސް ދައުލަތަށް އެންމެ ގެއްލުން ކުޑަވާނޭ ގޮތަކަށް މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަކީ އޭސީސީން ވަރަށްބޮޑަށް އިސްކަންދޭ ކަމެއްކަމުގައި އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށް ބޭއްވި ދެކުނު މަހާސިންތާއަށް މަޖިލީހުގެ ރައީސް، ކުރެއްވި ދަތުރުފުޅާއި ގުޅިގެން ކޮމިޝަނަށް ހުށަހެޅުނު މައްސަލަ ނިންމި ގޮތުގެ ތަފްސީލް ދެއްވަމުން އޭސީސީގެ މެމްބަރު ޢަލީ އަޝްރަފް ވިދާޅުވީ މި ދަތުރުފުޅުގައި ކޮރެޕްޝަންގެ ޢަމަލެއް ނުހިނގާކަމަށެވެ. ނަމަވެސް ރަސްމީ ދަތުރުފުޅުގެ ބޭރުން ކުރެއްވި ދަތުރުފުޅަކާއި ގުޅިގެން ހިނގަދިޔަ ޚަރަދަކީ ނިސްބަތުން ކިތަންމެކުޑަ ޚަރަދެއްކަމުގައި ވީނަމަވެސް އެފައިސާ ހޯދުމަށް އެދުމަކީ ކޮމިޝަންގެ ޒިންމާއެއްކަމަށެވެ.

އެގޮތުން މިދަތުރުފުޅުގައި ކޫއްޑޫ މަގުން މާލެއައުމަށް ނަގާފައިވާ ޓިކެޓެއް އައްޑު މަގުން މާލެއަށްމަށް ނެގުމުން އިތުރަށް އެރި ހަތަރު ސަތޭކަ ސާޅީސް ހަތަރު، ރުފިޔާ ދެއްކުމަށް ކޮމިޝަނުން އަންގާފައިވާކަމަށެވެ. މިމައްސަލާގައި ކޮމިޝަނުން އަމަލުކޮށްފައިވާނީ މިމައްސަލަޔަކީ ކޮރެޕްޝަން ނުހިމެނޭ މައްސަލަޔަށް ވީނަމަވެސް ދައުލަތަށް އެންމެ ގެއްލުން ކުޑަވާނެގޮތަކަށް ކަމުގައި އަޝްރަފް ވިދާޅުވިއެވެ.

އޭސީސީގެ މިނިންމުމާމެދު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިމައްސަލާގައި ހިނގައިދިޔަ ޚަރަދުތަކުގެ ތެރެއިން އެންމެ ހަތަރު ސަތޭކަ ސާޅީސް ހަތަރު، ރުފިޔާ ގޯސްކޮށް ޚަރަދުކޮށްފައިވާކަމަށް އަންގަވާފައިވާކަމީ ކަންބޮޑުވާކަމެއްކަމަށެވެ.

ދެކުނު މަހާސިންތާގެ ބޭރުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އިތުރަށް ހިނގި ހަތަރު ސަތޭކަ ސާޅިސް ހަތަރު، ރުފިޔާއަކީ ޓިކެޓް އަގުބޮޑުވެގެން އެމަނިކުފާނުގެ ހަށިފާރަވެރިޔާގެ ޓިކެޓް ނެގުމަށް ހިނގާފައިވާ ޚަރަދެކެވެ.