ޚަބަރު

ކައުންސިލް އިންތިޚާބުގައި ވާދަކުރި ފަރާތްތަކުގެ ފޯމްތައް މިދަނީ ޗެކްކުރަމުން - އިލެކްޝަން


ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށްޓައި ގިނަ ޢަދަދެއްގެ ބަޔަކު ފޯމް ހުށަހަޅާފައިވާކަމަށާ، ފޯމްތައް ޗެކްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަންގެ ނައިބް ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ ހުށަހަޅާފައިވާ ފޯމްތަކުގެ ސާފު ޢަދަދު ވިދާޅުވާން އަދި ނޭގުނުނަމަވެސް ވަރަށް ގިނަޢަދަދެއްގެ ފޯމް އިއްޔެއާއި އޭގެ ކުރީ ދުވަހު ކޮމިޝަނަށް ހުށަހެޅިކަމަށެވެ. ކޮމިޝަންގެ މުވައްޒަފުން، 24 ގަނޑިއިރު މަސައްކަތް ކުރަމުންދަނީ، ފޯމްތަކުގައި އެއްވެސް މައްސަލައެއްވާނަމަ ޤާނޫނުގައިވާގޮތުގެ މަތިން 48 ގަޑިއިރުގެ ތެރޭގައި އެ ކެނޑިޑޭޓަކަށް އެކަން އެންގުމުގެ މަސައްކަތްކަމަށްވެސް އަކުރަމް ވިދާޅުވިއެވެ. މިމަސައްކަތުގައި ރޭގެ ނިޔަލަށް ޗެކްކުރި ފޯމްތަކުގެ ޢަދަދު 3000އަށްވުރެ މައްޗަށް އަރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާފައިވާ ފޯމްތައް ޗެކްކުރުމަށްފަހު އިންތިޚާބްގައި ވާދަކުރާ ކެންޑިޑޭޓުންނަކީ ކޮބައިކަން ވަރަށް އަވަހަށް އިއުލާންކުރައްވާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ހަ ހާހަށްވުރެ ގިނަ ބަޔަކު ވާދަކުރާނެކަމަށް އިލެކްޝަން ކޮމިޝަނުން ލަފާކުރައްވައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިމަހުގެ ސައުވީސްވަނަ ދުވަހުއެވެ.