ޚަބަރު

ނޫމަޑީގެ މައްސަލާގައި ގިނަ ތުހުމުތަކެއް ކުރި - މުއިއްޒު


ނޫމަޑީ މައްސަލާގައި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުއާއި ސުވާލުކޮށްފިއެވެ. މުއިއްޒު ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށްފައިވަނީ ރޭ އަށެއް ޖެހިއިރުއެވެ.

ގާތްގަޑަކަށް ގަޑިއިރެއް ހާއިރު ފުލުހުންގެ މަރުކަޒުގައި ހޭދަކުރެއްވުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާ ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށްފައިވަނީ ނޫމަޑި މައްސަލައިގެ ތަޚުޤީޤަށްކަމަށެވެ. އަދި އެ މައްސަލާގައި ގިނަ ތަޚްޤީޤުތަކެއް ކުރަމުންދާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އޭގެ ތެރޭގައި އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅުންފަދަ މައްސަލަތައްވެސް ހިމެނޭކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މި މައްސަލާގައި ފުލުހުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރައްވައެވެ. ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު ދޭން ނިންމި މައްސަލާގައި ސަރުކާރަށް ގެއްލުންވާ ގޮތަށް މުއިއްޒު އަމަލުކުރައްވާފައިވާކަމަށް ވިދާޅުވެ އެ މައްސަލަ ބަލާދިނުމަށް ކަމާއި ބެހޭ އިދާރާއަށް ހުށައެޅުއްވި ކަން ފިނޭންސް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ ނޫމަޑީގެ މައްސަލައިގައި އާބިޓަރޭޝަން މަރުހަލާގައި ދައުލަތުން ހުށައެޅި ހުށައެޅުންތައް ބަލިކަށިވީ މުއިއްޒު ދެއްވި ބަޔާނުގެ ސަބަބުންކަމަށެވެ. އެހެންކަމުން އެކަމުގައި ޖިނައީ ތަހުގީގެއް ހިންގާދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި ބަދަލަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދީފައެވެ. އެ މައްސަލަ ކޯޓުން ބޭރުގައި އެއްބަސްވުމަކަށް ނާދެވުނު ނަމަ، އާބިޓްރޭޝަން ނިމޭ ގޮތަކުން ބަދަލަށް 200 މިލިއަން ޑޮލަރު ދޭންޖެހުމަކީ އެކަށީގެންވާކަމެއްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ،

އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން މުއިއްޒު ވަނީ އިއުލާންކުރައްވާފައެވެ.