ސިޔާސީ

ރާއްޖެއާއިމެދު އަމަލުކުރަނީ ބިރުދައްކާ އުސޫލުން- ނިހާން


ކޮމަންވެލްތުގައި
ހިމެނޭ ބޮޑެތި ގައުމުތަކުން ރާއްޖެއާއިމެދު އަމަލުކުރަނީ، ބިރުދައްކާ އުސޫލުންކަމަށާއި، ރާއްޖެއަކީ ކުޑަޤައުމެއް ކަމުގައިވީނަމަވެސް އެއީ ބަލައިގަނެވޭނެކަމެއް
ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަޙްމަދު ނިހާން ހުސައިން
މަނިކު ވިދާޅުވެއްޖެއެެވެ. ނިހާން މިހެން ވިދާޅުވީ، ކޮމަންވެލްތުން
ރާއްޖެ ވަކިވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށްއެދި ރައީސުލްޖުމްހޫރިއްޔާ
އަބްދުﷲ ޔާމީން ފޮނުއްވި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.

 ނިހާން ވިދާޅުވީ،
ކޮމަންވެލްތުގެ ސީމެގް އެޖެންޑާގައި ރާއްޖެ ހިމަނައި ދިވެހިންނަށް ދަތިކުރުމަށް
މަސައްކަތްކުރަމުން ގެންދާކަމަށެވެ. ރާއްޖެ އަކީ ކުޑަކުޑަ ގައުމެއް ކަމަށް ވީނަމަވެސް،
ބޮޑެތި ގައުމުތަކުން ރާއްޖެއާ މެދު ބުލީ ކުރުމުގެ ފުރުސަތު ދިނުމަކީ ދިވެއްސެއްގެ
ހައިސިއްޔަތުން ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށް ނިހާން ވިދާޅުވިއެވެ. "އަޅުގަނޑުމެންނާއިމެދު
ހަމަ ހިތުހުރިހާ ގޮތެއް މިހަދަނީ، ކުލާހެއްގައި އެންމެ މަޑުން، ނިކަމެތިކޮށް
އިންނަ ކުއްޖާއަށް، އެންމެ ބޮޑުކޮށް ތިބޭ ގްރޫޕް ނުވަތަ އެންމެ ބޮޑުކޮށް ތިބޭ
ކުދިން ބުލީ ކުރާ އުސޫލުން. މިއީ ގަބޫލު ކުރެވޭނެކަމެއް ނޫން،"
ނިހާން ވިދާޅުވިއެވެ 

މީގެ އިތުރުންވެސް މި މައްސަލައަށް މިއަދު ބަހުސްކުރެއްވި
ސަރުކާރަށް ތާއީދުކުރާ މެމްބަރުންވަނީ މިހާރުން މިހާރަށް ކޮމަންވެލްތުން ރާއްޖެ
ވަކިވުމަށް ގޮވާލައްވާފައެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެމްބަރުންވަނީ
ކޮމަންވެލްތުން ރާއްޖެ ވަކިވުމާއި ދެކޮޅަށް ވާހަކަދައްކާފައެވެ. 

މަޖިލީހުގެ
ޖަލްސާއަށް މިއަދު ރައީސް ޔާމީން ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ، ކޮމަންވެލްތުގައި
ރާއްޖެ އޮތުމާ މެދެ އަލުން ދިރާސާކޮށް ކެބިނެޓްގެ ބައްދަލުވުމުގައި ވަރަށް ފުޅާކޮށް
މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ."ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމުގައި ވީހިނދު، މިކަމުގައި މަޖިލީހުގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތުގެ
މަޝްވަރާއެއް ހޯދުމަކީ، މުނާސަބު ކަމެއް ކަމުގައި އަޅުގަނޑަށް ފެންނާތީ،
ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހަޅުއްވައި ދެއްވައި މި މައްސަލާގައި އެ
މަޖިލީހަށް ފެނިވަޑައިގަންނަވާ ލަފާފުޅެއް ދެއްވުން އެދެމެވެ،"
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވިސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.



ކޮމަންވެލްތުން ރާއްޖެ
ވަކިވުމާއިމެދު މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މި
މައްސަލައަށް ބަހުސްކުރުމަށް ހުޅުވާލާފައިވަނީ ތިން ގަޑިއިރެވެ. ނަމަވެސް މިއަދުގެ ޖަލްސާގެ އެޖެންޑާގައި  އެހެން މަސައްކަތްތައްވެސް  އެޖެންޑާކޮށްފައި ހުރުމުން  މި މައްސަލާގައި މިއަދުގެ
ބަހުސް ވަނީ
ކުރުކޮށް އެހެން މަސައްކަތްތައްވެސް ކުރިއަށްގެންގޮސްފައެވެ.