ކުޅިވަރު

ޕޮލިހުން ހައްވައަށް ރިލީޒް ދީފި


ރާއްޖޭގެ އެންމެ މޮޅު އަންހެން ވޮލީ ބޯޅަ ކުޅުންތެރިޔާއަށް ޕޮލިހުން ރިލީޒް
ދީފިއެވެ.

 ޕޮލިހުން ހައްވައަށް ރިލީޒްދީފައި މިވަނީ ކުރިއަށް އޮތް އިންޑިއަން އޯޝަން
އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ގައުމީ އަންހެން ވޮލީ ޓީމާއެކު ތައިލެންޑްގައި
ފަރިތަކުރުންތައް ކުރިިއަށް ގެންދިއުމަށެވެ. 

ޤައުމީ އަންހެން ވޮލީ ޓީމް އިއްޔަ ތައިލެންޑަށް ފުރިއިރު، ރިލީޒް
ނުލިބުމުން ހައްވައަށް ޓީމާއެކު ދެވޭގޮތެއް ނުވިއެވެ. ހައްވާ ރާޝިދާއަށް ރިލީޒް ނުދިން ސަބަބާ ގުޅޭ ގޮތުން ފުލުހުންގެ ރަސްމީ ބަހެއް ލިބޭ ގޮތެއްވަނީ ނުވެފައެވެ. ޕޮލިސް ސަރވިސްގައި ވަޒީފާ
އަދާކުރާ ހައްވާ ރާޝިދާއަށް ރިލީޒް ދީފައިވަނީ ރޭގެ ވަގުތެެއްގައެވެ.

 ވޮލީ ބޯލް
އެސޯސިއޭޝަންއިން މަޢުލުމާތުދިން ގޮތުގައި ހައްވައަަށް ރިލީޒް ލިބުނީ ރައީސް
އޮފީހުގެ އެދުމުގެ މަތީން ރޭގަކަމަށާ އަދި މިއަދު ހައްވަ ޓީމާ ގުޅުމަށް ތައިލެންޑްއަށް
ފުރާފައިވާ ކަމަށެވެ.

 ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރިޔާޒް ބުނީ ހައްވަގެ ރިލީޒް ހޯދުމަށް އެ އެސޯސިއޭޝަންއިން ފުރިހަމަ ކުރެންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށްފައިވާނެކަމަށެވެ. ރިޔާޒް ބުނީ ހައްވާ ރާޝިދާ އަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއްކަމަށާ
ހާއްސަކޮށް ހައްވަ ޓީމާ ގުޅުމުން ޓީމަށް އިތުރު ހިއްވަރެއް ލިބޭނެކަމަށެވެ.