ޚަބަރު

އެމްޑީޕީ ގދ.ގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައި ދެއްވުމަށް ރައީސް ނަޝީދު އެއަތޮޅަށް ވަޑައިގަންނަވަނީ


ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ގދ.އަތޮޅުގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގދ.އަތޮޅަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.

ކޮންމެ ދުވަހު އެމްޑީޕީން ބާއްވާ ޕްރެސް ކޮންފަރެސްގެ ތެރެއިން މިއަދުގެ ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ އެމްޑީޕީން މުޅި ރާއްޖޭގައި ހިންގަމުންގެންދާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން މިހަފްތާގައި އެންމެ ފުޅާކޮށް ކެޕެއިން ކުރުމަށް ހަމަޖެހިފައިވަނީ ގދ.އަތޮޅުގައި ކަމަށެވެ.

ގދ،.އަތޮޅުން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުވަދު އަތޮޅު ދެކުނުބުރީގެ ރަށްތަކަށް ދަތުރުފުޅެއް ފެއްޓެވުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރުފަހުގައެވެ. ހުކުރު ދުވަހުގެ ނިޔަލަށް ކުރައްވާ މިދަތުރުފުޅުގައި ގދ.އަތޮޅުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް ދޮރުން ދޮރަށް ހިނގައި ޖަލްސާތައް ބޭއްވުމަށްވެސް ހަމަޖެހިފައިވާކަމަށް އަފްޝަން ވިދާޅުވިއެވެ.

އެމްޑީޕީން 2008 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންދަނީ ލާމަކަޒީ އުސޫލުން އިދާރީ ދާއިރާއް ހިންގުމަށް ރައްޔިތުން ބޭނުންވާ ބާރުތައް ދޫކުރުމަށް ކަމަށެވެ. އެމަސައްކަތުގެ އެންމެ ބޮޑު ނަތީޖާއެއް ހާސިލް ވެގެންދާނީ މިފަހަރުގެ އިންތިޚާބާއި އެކީގައިކަމަށް އަފްޝަން ވިދާޅުވިއެވެ. އަދި ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކާއިއެކު ލާމަރުކަޒީ ނިޒާމު ހިންގޭނީ އެމްޑީޕީގެ ކެންޑިޑޭޓުން އިންތިޚާބު ކޮށްގެންކަމަށް އަފްޝަން ވިދާޅުވިއެވެ.

ކެމްޕެއިން ހަރަކާތްތައް ހަފްތާ ބަންދުގައިވެސް މާލެއާއި އަތޮޅު ތެރޭގައި ހިންގުމަށް އެމްޑީޕީންވަނީ ރާވާފަައެވެ. އެގޮތުން މިމަހުގެ 6 ވަނަ ދުވަހު މާލޭގައި ދޮރުން ދޮރަށް ހިނގުމުގެ ބޮޑު ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި އަފްޝަން ވަނީ މާދަމާރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިނިމަމްވޭޖް ރިޕޯޓާއި ގުޅިގެން އާންމުންގެ ޚިޔާލް ހޯދުމަށް ބާއްވާ ބައްދަލުވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.