ޚަބަރު

ޖޭޕީގެ އަމާޒުހުރީ ރިޔާސީ އިންތިޚާބަށް: ރިޔާޒް ރަޝީދު


ކައުންސިލް އިންތިޚާބަށްވުރެ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ވިސްނުން ހުރީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކަމުގައި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބަށް ޖުމްހޫރީ ޕާޓީން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަވުމުގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ ކުޑަ އިންތިޚާބަކަށްވުރެ ޖުމްހޫރީ ޕާޓީން އިސްކަންދެނީ ރިޔާސީ އިންތިޚާބަށް ކަމަށެވެ. ނަމަވެސް މި އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓުންނަށް އިންތިޚާބު ކާމިޔާބު ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެޕާޓީން ކުރާނޭކަމަށް ރިޔާޒް ވިދާޅުވިއެވެ.

މި ބައްދަވުމުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އިލްހާމް އަހުމަދު ވިދާޅުވީ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ޖޭޕީން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުކަމަށެވެ. އެގޮތުން ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުން ތަޢާރަފްކޮށް ކެންޕެއިން ފަށާ ޖަލްސާ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިިބައްދަލުވުމުގައި ބައިވެރިވި މެމްބަރުން ވަނީ ސަރުކާރުގެ ތެރޭގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން ފާޅުކޮށް އެކަންކަމަށް ފާޑުވިދާޅުވެފައެވެ. ސަރުކާރުގެ ކޯލިޝަންގައި ތިބުމަކީ ސަރުކާރުން ކުރާ ހުރިހާ ހުރިހާކަމެއް ރަނގަޅުވެ އެކަންކަމަށް ފާޑުނުކިޔައި ތިބެންޖެހޭ ކަމެއް ނޫންކަމަށް މިބައްދަވުމުގައި ބައިވެރިވި މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީން ކައުންސިލް އިންތިޚާބުގައި ވާދަކުރަނީ 183 ކެންޑިޑޭޓުންނެވެ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ޖޭޕީގެ ޓިކެޓްގައި ވާދަކުރަނީ 77 ކެންޑިޑޭޓުންނެވެ.