ޚަބަރު

ބާރު ލިބުނު ކޮންމެ ފަހަރަކު ޕީޕީއެމްއިން ވަނީ ލާމަރުކަޒީ ނިޒާމު ފުޑާލާފައި - ރައީސް ނަޝީދު


ޕީޕީއެމްއިން ވެރިކަމާއި ހަވާލުވި ކޮންމެ ފަހަރަކު ލާމަރުކަޒީ ނިޒާމު ފުޑުފުޑުކޮށް، ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގެންފައިވާކަމަށް އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ގދ.އަތޮޅުގެ ރަށްތަކަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެއްވުމަށް އެމްޑީޕީގެ ލީޑަރޝިޕުން ކުރަމުންދާ ދަތުރުގައި ގދ.ގައްދޫ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހިންގަން އެނގޭނީ އެމްޑީޕީއަށް ކަމަށެވެ.

ފާއިތުވެދިޔަ މާޒީގައި މިނިޒާމު ހިންގުމަށްޓަކައި ރައްޔިތުން ޕީޕީއެމް އާއި، އެފިކުރަށް ވެރިކަން ދީގެން ޓެސްޓްކޮށްފައިވާކަމަށެވެ. 3 ފަހަރެއްގެ މަތީން ރައްޔިތުން ކުރި ޓެސްޓުގެ ނަތީޖާ ގޯސްކަމީ ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް މިއަދު ފެންނަމުންދާ މަންޒަރުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިއަދު ނިޒާމަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކާއިއެކު ރައްޔިތުން އެދޭފަދަ ތަރައްޤީ ރަށްތަަކށް ގެނެވޭނީ މިނިޒާމަށް ފަރިތަ އެމްޑީޕީގެ ކެންޑިޑޭޓުން އިންތިޚާބް ކޮށްގެންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުން ޕީޕީއެމްއާއި، އެފިކުރަށް 3 ފަހަރެއްގެ މަތީން ގައުމުގެ ވެރިކަން ދީފި. މިއިން ކޮންމެ ފަހަރަކު ވެރިކަމާއި ހަވާލުވުމަށްފަހު ލާމަރުކަޒީ ނިޒާމު ފުޑާލަނީ. ރައްޔިތުންގެ ބާރުވެރިކަން އަތުލަނީ. މިއީކީނޫން އަޅުގަނޑުމެން ގެންނަން މިއުޅޭ ތަރައްޤީއަކީ، މިއީކީ ނޫން އަޅުގަނޑުމެން މިބޭނުންވާ ތަރައްޤީއަކީ. ގައްދޫ ރައްޔިތުން ދެނެއް ޕީޕީއެމްއަށް މިފުރުސަތެއް ނުދޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގައްދުއަށް ނިސްބަތްވާ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އެމްޑީޕީން ދިވެހި ރައްޔިތުންނަށް ހެޔިވެރިކަމެއް ގެނެސްދޭނެ ކަމަށެވެ. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް އޮތް ހުރިހާ ހުރަހެއް ނައްތާލައި އެބާރުވެރިކަން މިއަދު ރައްޔިތުންނަށް ދީފައިވާކަމީ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ހިންހަމަޖެހުންކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގައްދޫގެ ތަރައްޤީއަށް ކުރަންހުރި ހުރިހާކަމެއް ކުރުމަށް މިސަރުކާރު ތައްޔާރަށް އޮތްކަމަށް. އެމަސައްކަތް އެންމެ ފަސޭހަކަމާއިއެކު ސަރުކާރަށްވެސް ކުރެވޭނީ ސަރުކާރައް ތާއީދުކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ކައުންސިލް މަޤާމުތަކަށް އިންތިޚާބް ވެގެންކަމަށް އަމީރު ވިދާޅުވިއެވެ.

"ގައްދޫ އަޅުގަނޑުމެން ތަރައްޤީ ކުރާނަން. އެކަމާއި ޝައްކުކޮށް ކަންބޮޑުވާނެކަމެއްނެތް. ގައްދޫ އަޅުގަނޑުމެން ބަދަލުކުރާނަން. ގައްދޫ މަގުވެސް ހެދޭނެ، ގައްދޫ ހޮސްޕިޓަލުވެސް ހެދޭނެ، ގައްދޫގެ އޮފީސް އިމާރާތްވެސް އެޅޭނެ، ގައްދޫގެ ޕޮލިސްސްޓޭޝަނެއްވެސް އެޅޭނެ، ގައްދޫ އަޅުގަނޑުމެން މިސަރަހައްދުގެ މައިހަބަކަށް ހަނދާނަން." އަމީރު ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ ޓީމެއް ގދ.އަތޮޅަށް މިހާރު ކުރަމުންދާ ދަތުރުފުޅުގައި އެއަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ނަޝީދާއި އެ ވަފުދުގެ ބޭފުޅުން ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.