ޚަބަރު

އަންހެނުންގެ ކޮންފަރެންސްގައި 500އަށްވުރެ ގިނަ މީހުން ބައިވެރިވާނެ - އެމްޑީޕީ


ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އަންހެނުންގެ ކޮންގްރެސްގައި މިހާތަނަށް ފަސް ސަތޭކައަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާކަމަށް އެޕާޓީން ބުނެފިއެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީން ކުރަމުންދާ ކެމްޕެއިންގެ މަޢުލޫމާތު ދެއްވުމަށް ކޮންމެ ދުވަހަކު އެޕާޓީން ބާއްވާ ޕްރެސް ކޮންފަރެންސްތަކުގެ ތެރެއިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ މުޅި ރާއްޖޭގައި އެމްޑީޕީން ކެމްޕެއިންގެ ހަރަކާތްތައް ކޮންމެ ދުވަހަކުވެސް ކުރިއަށްދާކަމަށެވެ.

ކެމްޕެއިނަށް ޚާއްސަކޮށް އެމްޑީޕީން ބާއްވާ އިވެންޓްތަކުގެ ތެރެއިން މާދަމާ ހުކުރަށްފަހު މާލޭގެ ހުރިހާ އަވަށެއްގެ ގޭގެއަށް ދޮރުން ދޮރަށް ހިނގުމަށް، ހަމަޖެހިފައިވާކަމަށް އަފްޝަން ވިދާޅުވި. މި އިވެންޓްގައި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، މާލޭގެ ދާއިރާތަކަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކެންޕެއިން އިވެންޓްތަކުގެ ތެރެއިން ހޮނިހިރު ދުވަހު އެމްޑީޕީގެ އަންހެނުންގެ ކޮންފަރެސްސް ވިލިމާލޭގައި ބޭއްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރުވެފައިވާކަމަށް އަފްޝަން ވިދާޅުވި. އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ދަޢުވަތުދީގެން ބާއްވާ މި ކޮންފަރެސުގައި މިހާތަނަށް ފަސް ސަތޭކައަށްވުގެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ތާޢީދު ހޯދުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އަންނަ އާދީއްތަ ދުވަހު ފުވައްމުލަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމަ އެދުވަހު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ލ.އަތޮޅަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.