ކޯވިޑް-19 އާ ގުޅޭ ދޮގު ޚަބަރު ފަތުރާ މީޑިއާތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފިއެވެ.
މި ގޮތަށް ނިންމާފައިވަނީ ކޯވިޑް-19 އާ ގުޅޭ ޚަބަރާއި މަޢުލޫމާތު މީޑިއާތަކުން ފެތުރުމާ ގުޅޭގޮތުން މީޑިއާ ކައުންސިލުން މިއަދު ބޭއްވި ކުއްލި ޖަލްސާގައެވެ. މިޖަލްސާގައި އެމްއެމްސީންވަނީ ކޯވިޑް-19 އާ ގުޅޭ ދޮގު ޚަބަރު ފަތުރާ މީޑިއާތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުން ހިމެނޭހެން ޖުމްލަ ހަތަރުކަމެއް ނިންމަވާފައެވެ.
އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހުގެ ޚަބަރުތައް ފެތުރުމާ ގުޅޭގޮތުން މީޑިއާތަކުގައި ޝާއިއުކުރާ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މީޑިއާތަކުގެ އިސްވެރިންނާ ބައްދަލު ކުރުމަށް ވަނީ ނިންމާފައެވެ. އަދި ކޯވިޑް-19އާ ގުޅިގެން މީޑިއާތައް ވިލަރެސް ކުރުމަށް ޚާއްސަ ކޮމެޓީއެއް އެކުލަވާލުމާއެކު ރަޖިސްޓާރނުކޮށް ހިންގާ މީޑިއާތަކަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް މީޑިއާ ކައުންސިލުން މިއަދުވަނީ ނިންމާފައެވެ.
ޗައިނާގައި ފެތުރެން ފެށި ނުރައްކާތެރި ކޮރޯނާވައިރަހާ ގުޅުވައިގެން ދޮގު ހަބަރު ނުފެތުރުމަށް ރާއްޖޭގެ މީޑިއާތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން މީގެކުރިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.