ޚަބަރު

ކޯވިޑް-19އަށް ރާއްޖޭގައި ދާއިމީކޮށް ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި


ކޯވިޑް-19އަށް ރާއްޖޭގައި ދާއިމީ ގޮތެއްގައި ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ކޯވިޑް-19އާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ސިލްސިލާކޮށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ މިހާރު އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ދާއިމީ ގޮތެއްގައި ކޯވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގައި 24 ސާމްޕަލެއް ޓެސްޓުކޮށްފައިވާކަން ހެލްތު މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެތެރޭގައި 20 މީހެއްގެ ނަތީޖާ ނެގަޓިވްވެފައިވާއިރު 2 މީހަކުވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި ނަތީޖާ ނުލިބޭ 2 މީހަކު އެބަތިބިކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޓެސްޓުކުރެވޭ އިންތިޒާމު ހަމަޖައްސާފައިވަނީ މިދިޔަމަހުގެ 20 ވަނަދުވަހުއެވެ. އައިޖީއެމް ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ވައިރަސްއަށް ޓެސްޓުކުރުމަށް ޑަބްލިއުއެޗްއޯގެ އެހީގައި ގެނެސްފައިވަނީ އެއްހާސް ޓެސްޓިން ކިޓެވެ. އެއާއެކު ރާއްޖޭގައި ޓެސްޓުކުރެވޭ މީހުންގެ ނަތީޖާ 12 ގަޑިއިރާއި 24 ގަޑިއިރުތެރޭގައި ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.