ބަތަލާ ރިސޯޓުން ސާމްޕަލް ނެގި 3 މީހުންގެ ތެރެއިން 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 4 އަކަށް އަރާފައެވެ. ކޯވިޑް-19 އަށް އިތުރު ދެ މީހުން ޕޮޒިޓިވްވިކަން ހާމަކުރައްވާފައެވެ. މި ދެ މީހުންނަކީވެސް ބިދެސީން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިހާރު ބަތަލާ ރިސޯޓުގެ ހާލަތު ގާތުން ބަލަމުންދާކަމަށެވެ. އެރަށަށް އަރައި ފޭބުންވެސް މިހާރު މަނާކޮށްފައިވައިރު އެ ރިސޯޓުގައި 11 މީހަކު މިހާރު ވަނީ ރޫމް ކަރަންޓީން ވެސް ކޮށްފައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ގެ ޕޮޒިޓިވް ކޭސްއެއް ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުންންވެ. އެގޮތުން އެ ރިސޯޓުން ދެ މީހުން ބައްޔައް ޕޮޒިޓިވް ވެފައިވާއިރު ކޮންޓެކް ޓްރޭސިންގް ހަދައި 173 ފަރާތެއް މޮނީޓަރ ކުރަމުންދާކަމަށްވެސް ހެލްތް މިނިސްޓްރީއިން ވިދާޅުުވެއެވެ.
އެގޮތުން ށ.ފޯކައިދޫއިން ފަރުކޮޅުފުއްޓަށް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް މީހަކު ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، މި މިހާއަކީ ކޮންޓެކް ޓްރޭސިންގްގެ 3 ވަނަ ދަރަޖަ ނުވަތަ 4 ވަނަ ދަރަޖަ ގުޅުމެއް ހުރި މީހެއްކަމަށް ހެލްތް މިނިސްޓަރ އަމީން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ކޯވިޑް-19 އެންމެ ފުރަތަމަ ފެނުނު ދެމީހުންގެ ޙާލުވެސް ރަނގަޅުކަމަށް ހެލްތް މިނިސްޓްރީއިން ވިދާޅުވިއެވެ. ހެލްތް މިނިސްޓްރީއިން ދަނީ މި ބަލި ކޮންޓްރޯލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންންވެ.