ޚަބަރު

އިންޑޮނޭޝިޔާގައި މާސްކާއި ސައިބޯނި ގަނޑުކޮށް ގަންނަ މީހުން ހައްޔަރުކުރަނީ


ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއްކަމަށްވާ ބާލީގައި މަސްކާއި ސައިބޯނި އަގުބޮޑުކޮށް ވިއްކާ، އެތަކެތި ގިނަ ޢަދަދަކަށް ގަނެ ފޮރުވަމުންދާ މީހުން ހޯދުމުގެ މަސައްކަތް އިންޑޮނޭޝިޔާގެ ފުލުހުންނާއި ކަމާބެހޭ މުވައްސަސާތަކުން ފަށައިފިއެވެ.

އެޤައުމުގެ ރަސްމީ އިދާރާތަކުންދަނީ ބޭސްފިހާރަތަކާއި ގުދަންތަކުގައި މާސްކުހުރި މިންވަރު ބަލާ، ވިއްކާ އަގު ކަށަވަރުކުރަމުންނެވެ. ވެރިރަށް ޖަކާޓާގައި ވަގުތީ ކާރުޚާނާތައް ހަދައިގެން ފެންވަރުދަށް މާސްކުތައް ތައްޔާރުކުރަމުންދާ މީހުން ހޯދުމުގެ މަސައްކަތް އެޤައުމުގެ އިދާރާތަކުންދަނީ ކުރަމުންނެވެ.

ވޭތުވެދިޔަ 5 ދުވަހުގެ ތެރޭގައި ކޯވިޑް-19ގެ އަސަރުކޮށްފައިވާ 4 މީހުންވަނީ އިންޑޮނޭޝިޔާއިން ފެނިފައެވެ. އިންޑޮނޭޝިޔާއިން ވައިރަސް ފެނުމާއެކު އެޤައުމުގެ ރައްޔިތުންވަނީ ހާސްކަމެއްގެ ތެރޭގައި މާސްކާއި ހޭންޑް ސެނިޓައިޒައާއި ސައިބޯނި ގަންނަން ފަށާފައެވެ. އެތަކެތި ގިނައިން ގަނެ ފޮރުވާ މީހުންނާއި ފެންވަރުދަށް މާސްކު އުފައްދަމުންދާ މީހުންވަނީ އެޤައުމުގެ ފުލުހުން ހައްޔަރުކޮށްފައެވެ.