ޚަބަރު

ކޯވިޑް19:ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ ފުރުޞަތުދިނުން ހުޅުމާލޭ ހޮސްޕިޓަލުންވެސް ހުއްޓާލައިފި


ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ ފުރުޞަތުދިނުން ހުޅުމާލޭ ހޮސްޕިޓަލުންވެސް ހުއްޓާލައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ، ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19ގެ ސަބަބުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމުގެގޮތުން، ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ނުރައްކާވެދާނެކަމަށް ފެންނާތީ، އަދި އެންމެންގެ ރައްކާތެރިކަމަށްޓަކައ ހޮސްޕިޓަލުގެ ޞިއްޙީ މިންގަނޑުތައް ދެމެހެއްޓުމަށް ބަލި މީހުންނަށް ޒިޔާރަތްކުރުން އިއްޔެއިން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ.

ނަމަވެސް ކޮންމެ ބަލި މީހަކާއެކު އެއް އެހީތެރިއަކަށް ބަލިމީހާގެ ގާތުގައި މަޑުކުރުމުގެ ފުރުޞަތު ދޭނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.

ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ ފުރުޞަތުދިނުން ހުޅުމާލޭ ހޮސްޕިޓަލުންވެސް ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު، ރާއްޖޭގައި އެންމެ ގިނަ ބަޔަކު ޞިއްޙީ ޙިދުމަތް ލިބިގަންނަ ދެ ހޮސްޕިޓަލުކަމަށްވާ އައި.ޖީ.އެމް.އެޗްއާއި އޭ.ޑީ.ކޭ ހޮސްޕިޓަލުންވެސް ވަނީ ކޯވިޑް-19އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން ބަލިމީހުންނަށް ޒިޔާރަތްކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

މިދުވަސްކޮޅު ކޮންމެހެން ދާންޖެހިގެން ނޫނީ ހޮސްޕިޓަލްތަކަށް ނުދިއުމަށް ޞިއްޙީ މާހިރުން ދަނީ އިރުޝާދު ދެއްވަމުންނެވެ.