ޚަބަރު

ކޯވިޑް-19: ރައްކާތެރިވުމަށް ކުރުން މުހިއްމު 7 ކަމެއް


ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ފެތުރޭ މިންވަރު ހަލުވި ވެ، ބަލީގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވެފައި ވާއިރު، މި ބަލިން ރައްކާތެރިވުމަށް އާއްމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް ޞިއްޙީ ތަޖުރިބާކާރުން އަންނަނީ އިރުޝާދު ދެމުންނެވެ.

މި ބައްޔާގުޅޭގޮތުން އާއްމުންނަށް ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތުތައް ހާމަކޮށްދީ، ހޭލުންތެރިކުރުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯއިންވެސް ވަނީ ދުނިޔޭގެ ޤައުމުތަކަށް ގޮވާލާފައެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި މި ވައިރަހުގެ އަލާމަތްތައް ފެންނަނީ ވައިރަސް ހަށިގަނޑަށް ވަންނަތާ 2 ދުވަހާއި 14 ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި:
- ހުން އައުން (38 ޑިގްރީ ސެލްސިއަސްވުރެ މަތިން)
- ކެއްސުން
- ނޭވާ ކުރުވެ ނޭވާލާން އުނދަގޫވުން

ބަލީގައި ބޮޑުވަރުވާ މީހުންނަށް ނިއުމޯނިއާ ޖެހެއެވެ. އަދި ކިޑްނީ ފެއިލްވެއެވެ. މިބަލީގައި މަރުވާމީހުންގެ ބޮޑު ނިސްބަތަކީ ކޮންމެވެސް އެހެން ބައްޔެއްގެ ހުންނަ ނުވަތަ ދިފާއީ ނިޒާމްގެ ބާރުކުޑަ މީހުންނެވެ.

މިއީ އަލަށް ފެނުނު ބައްޔެއްކަމުން މި ބައްޔައް ވަކި ފަރުވާއެއް ނުވަތަ ވަކި ވެކްސިނެއް އަދި ހޯދިފައެއްނުވެއެވެ. ފަރުވާ ދެމުން އަންނަނީ ވައިރަހަށް ޕޮޒިޓިވްވާ މީހެއްގެ ގައިން ފެންނަ އަލާމަތްތަކަށް ބަލައިގެންނެވެ.

ރައްކާތެރިކަމުގެ ފިޔަވަޅު އެޅިއްޖެނަމަ މި ބަލި ފެތުރުން ކޮންޓްރޯލްކުރެވިދާނެކަމަށް ޞިއްޙީ މާހިރުން ބުނެއެވެ. އެގޮތުން މި ބަލިން ރައްކާތެރިވުމަށްޓަކާ ކުރެވިދާނެ މުހިއްމު 7 ކަމެއް މި ރިޕޯޓުގައި ފާހަގަކޮށްލާނަމެވެ.

1. ގިނަގިނައިން އޮތްދޮވުން

ތިމާ ދިރިއުޅޭ މާހައުލުގައި ތަފާތު އެއްޗެހީގައާއި، ތަންތަނުގައި އަތްލެވޭއިރު ހިރަފުހާއި ޖަރާސީމުގައި ނޭނގިނަމަވެސް އަތްލެވުމަކީ އަބަދުހެން ކުރެވޭ ކަމެކެވެ.

މިގޮތަށް ތަންތަނުގައި އަތްލުމަށްފަހު ނޭނގިނަމަވެސް މޫނުގައި އަތްލެވިއްޖެނަމަ، ލޯ، ނޭފަތް ނުވަތަ އަނގައިން ހަށިގަނޑުގެ ތެރެއަށް ވައިރަސްވަދެ، އިންފެކްޓް ކުރަން ފަށަފައެވެ. އެހެންކަމުން ވީހާވެސް ގިނައިން އަތްދޮވުމަކީ މިފަދަ ވައިރަހަކުން ރައްކާތެރިވުމަށް ކުރެވިދާނެ އެންމެ މުހިއްމު އެއްކަމެވެ. ވަކިން ޚާއްސަކޮށް ސައިބޯނި ލައިގެން މަދުވެގެން 20 ސިކުންތު ވަންދެން އަތްދޮވުމަށް ސަމާލުކަންދޭށެވެ.

ވަކިން ޚާއްސަކޮށް ކެއުމުގެ ކުރިންނާއި ކެއުމުގެ ފަހުން، އަދި ފާޚަނާކުރުމަށްފަހު ރަނގަޅަށް ސާފުކޮށް އަތްދޮވުމަށް ޚާއްސަ ސަމާލުކަމެއް ދިނުން މުހިއްމެވެ. އަދި މިކަން އާދައަކަށް ހެދުން މުހިއްމެވެ.

2. މޫނުގައި އަތްލުން މަދުކުރުން

ކުރިންވެސް ބުނިފަދައިން އަތުގައި ހުރި ވައިރަސް ނުވަތަ ޖަރާސީމު ނައްތާނުލެވި، މޫނުގައި އަތްލެވިއްޖެނަމަ، ހަށިގަނޑުގެ ތެރެއަށް ވައިރަސްތައް ވަނުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. އަދި އެކަމުގެ ސަބަބުން އެކި ކަހަލަ ބަލިތަކަށް ތިމާ ހުށަހެޅިގެންދެއެވެ.

ކޯވިޑް 19 އަކީވެސް ވައިރަހެއްގެ ސަބަބުން ފެތުރޭ ބައްޔެއްކަމުން، ލޯ، މޫނު ނުވަތަ އަނގައިގައި އަތްލާ ހެދުމަކީ އެދެވިގެންވާކަމެއްނޫނެވެ.

3. ކެއްސާ، ކިނބިހިއަޅާނަމަ އަނގައާއި ނޭފަތް ރަނގަޅަށް ނިވާކުރުން

ކޯވިޑް 19 އެންމެ ފަސޭހައިން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވާރުތަ ވަނީ ބަލި ޖެހިފައިވާ މީހާގެ ހަށިގަނޑު ބޭރުވާ ލިކުއިޑް ޑްރޮޕްލެޓްސް (އަނގައާއި ނޭފަތުން ނުކުންނަ ކުޅުތިކި)ގެ ޒަރިއްޔާއިންނެވެ.

އެހެންކަމުން ރޯގާ ސަބަބުންވިޔަސް ނުވަތަ އެނޫން ގޮތަކުންވިޔަސް ކެއްސާ ނުވަތަ ކިނބިހި އަޅާނަމަ އަނގައާއި ނޭފަތް ރަނގަޅަށް ނިވާކުރުން މުހިއްމެވެ. ކެއްސާ ކިނބިހި އަޅާނަމަ ޓީޝޫ ނުވަތަ މާސްކެއް ބޭނުންކުރުން މުހިއްމެވެ. އެފަދަ އެއްޗެއް ނުލިބިއްޖެ ހާލަތެއްގައިވެސް ސީދާ އަތްތިލައިން ނޭފަތް ނުވަތަ އަނގަނިވާކުރުމުގެ ބަދަލުގައި، އުޅަބޮށި ބޭނުންކުރެވިދާނެއެވެ. މިގޮތަށް ކަންތައްކުރުމުން ހަށިގަނޑުގައި ހުރި ޖަރާސީމު ނުވަތަ ވައިރަސް އެހެން މީހެއްގެ ހަށިގަނޑަށް ވާސިލުވުމުގެ ފުރުޞަތު ކުޑަވެގެންދެއެވެ.

ކެއްސާ ކިނބިހި އަޅާއިރު މާސްކް ނުވަތަ ޓިޝޫ ބޭނުންކުރާނަމަ، އެތަކެތި ބޭނުންކޮށްފައި މަގުމައްޗަށް އެއްލާލުމުގެ ބަދަލުގައި، ރައްކާތެރިގޮތުގައި ކުނި ވަށިގަނޑަށް ލުން މުހިއްމެވެ. އަދި މާސްކް ބޭނުންކުރިކަމުގައިވިޔަސް ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން ނުވަތަ ސެނިޓެއިޒަރއެއް ބޭނުން ކުރުން އެދެވިގެންވެއެވެ.

4. މީހުން އެއްވެ އުޅޭތަންތަނަށް ނުދިއުން

ގިނައިން މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުމަކީވެސް މިފަދަ ވައިރަސްއަކުން ރައްކާތެރިވުމަށްޓަކާ އެޅިދާނެ ފިޔަވަޅެކެވެ. ރޯގާޖެހިފައިވާ ނުވަތަ ނޭވާލާ ނިޒާމުގެ މައްސަލަތައް ކުރިމަތިވެފައިވާ މީހުން، ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ޞިއްޙީ މާހިރުން އިރުޝާދުދެއްވައެވެ.

މީގެ ތެރެއިންވެސް ވަކިން ޚާއްސަގޮތެއްގައި އުމުރުން ދުވަސްވީ ފަރާތްތަކާއި ތުއްތުކުދިން، މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުން މުހިއްމެވެ.

5. ބަލިވެ އުޅޭނަމަ ގެއިން ބޭރަށް ނުނިކުތުން

ހުސްއައިސް އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ ނުވަތަ ބަލިހެން ހީވާނަމަ، ބޭރުތެރެއަށް ނުނިކުތުމަކީ އެދެވިގެންވާކަމެކެވެ. އެހެންކަމުން އެފަދަ އެއްވެސް އަލާމާތެއް ހުރިނަމަ އޮފީހަށް ނުވަތަ މަގުމައްޗަށްވިޔަސް ނުނިކުމެ، ގޭގައި މަޑުކޮށްލާށެވެ.

މިގޮތަށް ކަންތައް ކުރުމުން، ބަލިން "ރިކަވަރ" ވުމަށް ނުވަތަ ރަނގަޅުވުމަށް ފަސޭހަވެގެންދެއެވެ. އަދި މިއީ ތިމާގެ ފުށުން އަނެކުންނަށް ބަލި ފެތުރުމުގެ ފުރުޞަތުވެސް ކުޑަވެގެންދެއެވެ.

6. ކޯވިޑް19 އަށް ޝައްކުކުރެވޭ ނުވަތަ ރޯގާގެ އަލާމާތެއް ހުރިނަމަ ރިޕޯޓްކުރުން

ކޯވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތެއް ނުވަތަ ރޯގާގެ އަލާމާތެއް ހުރިނަމަވެސް ޞިއްޙީ އެހީތެރިކަން ހޯދުން މުހިއްމެވެ. ނަމަވެސް އެންމެ ފުރަތަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށް، އިރުޝާދު ހޯދުން މުހިއްމެވެ.

ކޯވިޑް 19 އާއި ގުޅޭގޮތުން ރިޕޯޓްކުރަން ނުވަތަ އެ ނޫންވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ހިލޭ ގުޅޭ ނަންބަރު 1676 އަށް ގުޅުއްވައިގެން މަޢުލޫމާތު ލިބޭނެއެވެ. އަދި އެފަދަ ފަރާތްތަކުން އާއްމު ހޮސްޕިޓަލްތަކަށް ދިއުމުގެ ބަދަލުގައި، ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އެގޮތުން ޓްރެވަލް ހިސްޓްރީއެއް ނެތް ނަމަވެސް، ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ސިފައިންގެ ސެނެހިޔާ ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ ފްލޫ ކްލިނިކަށް ދެއްކޭނެއެވެ. އަދި 14 ދުވަހުގެ ޓްރެވަލް ހިސްޓްރީއެއް އޮތް ފަރާތްތަކަށް ޚާއްސަކޮށްގެން ޓްރެވަލް ކްލިނިކެއް މާލޭ ހިޔާ 2 ގެ ފުރަގަހުގައި ޤާއިމުކޮށްފައިވާއިރު، ބިދޭސީންނަށް ޚާއްސަކޮށްގެން ފްލޫ ކްލިނިކެއް ހުޅުމާލޭގައި ވަނީ ޤާއިމުކޮށްފައެވެ.

7. ބައްޔާގުޅޭ ޞައްޙަ މަޢުލޫމާތު ހޯދުން

ކޯވިޑް 19 ގެ ނުރައްކާ ރާއްޖެއަށްވެސް ބޮޑުވެފައިވާއިރު، ބައްޔާގުޅޭ ޞައްޙަ މަޢުލޫމާތު ލިބިފައި ހުރުން މުހިއްމެވެ. އިތުބާރު ނުހިފޭ ވަސީލަތްތަކުން ފަތުރާ މަޢުލޫމާތުތަކަށް ބަރޯސާވުމުގެ ބަދަލުގައި، ކަމާގުޅުންހުރި ވުޒާރާތަކުން ހާމަކުރާ މަޢުލޫމާތަށް ބަރޯސާވެ، ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދަށް ތަބާވުން މުހިއްމެވެ.

މިފަދަ ދަނޑިވަޅެއްގައި، ހަޤީޤަތާއި ޚިލާފު މަޢުލޫމާތު ފެތުރުމަކީ އާއްމުންގެ މެދުގައި އިތުރު ނުތަނަވަސްކަމެއް އުފެދި، ތަންފީޒީ އިދާރާތަކަށްވެސް އެފަރާތްތަކުގެ މަސައްކަތްތައް ކުރުމަށް އުނދަގޫވެގެންދާނެއެވެ. އެހެންކަމުގައި މިކަމުގައި މުޅި މުޖުތަމަޢުގެ ބައިވެރިވުމާއި އެއްބާރުލުން ބޭނުންވާނެއެވެ.