ޚަބަރު

ކޯވިޑް-19: މެލޭޝިއާއިން ރާއްޖެއައި މީހާގެ ނަތީޖާ ނެގެޓިވް


މެލޭޝިއާއިން ރާއްޖެއައި ދިވެހި މީހާ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އަށް ނެގެޓިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

އެޗް.ޕީ.އޭއިން މިކަން ހާމަކުރައްވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެލޭޝިއާއިން ރާއްޖެއައި ދިވެހި މީހާ ކޯވިޑް-19 އަށް ޓެސްޓްކުރުމުން ނެގެޓިވްވެފައިވާކަމަށެވެ. އޭނާގެ ސާމްޕަލްނަގައި ޓެސްޓްކޮށްފައިވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަރާތަކާއި އެއް އިމާރާތެއްގައި ދިރިއުޅުމަށްފަހު މެލޭޝިއާއިން ދިވެހިރާއްޖެއަށް އެނބުރިއައިރު، ބައްޔަށް ޝައްކުކުރެވޭފަދަ އަލާމާތްތަކެއް ހުރުމާގުޅިގެންކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ވިލިވަރު ކަރަންޓީން ފެސިލިޓީގައި މިވަގުތު ތިބި މީހުންގެ ތެރެއިން 2 ބިދޭސީންނާއި، ދިވެއްސެއްގެ ނަތީޖާ ނެގެޓިވްވެފައިވާތީ، އެމީހުން ގެއަށް ބަދަލުކޮށްފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި އެމީހުން ބަދަލުކޮށްފައިވަނީ ސެލްފް އައިސޮލޭޝަނަށްކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 8 މީހުން ފެނިފައިވާއިރު، އެ އެންމެންނަކީވެސް ބިދޭސީންނެވެ. ރާއްޖޭގައި މި ބަލީގެ ނުރައްކާ އޮތް މިންވަރަށް ބެލުމަށްފަހު އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާއިން ވަޒީރަށް ލިބިގެންވާ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިޢުލާންކޮށްފައެވެ.