ކޯވިޑް-19

ކޯވިޑް-19 : ޑިމާންޑާއި އެއްވަރަށް ބޯފެން ފޯރުކޮށްދެވޭތޯ ކަށަވަރުކުރާނަން: ޝާހު


ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ހުސްވިޔަ ނުދީ ޑިމާންޑާއި އެއްވަރަށް ބޯފެން ފޯރުކޮށްދެވޭކަން ކަށަވަރުކުރާނެކަމަށް އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު ވިދާޅުވެއްޖެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ބޮޑުބަޔަކަށް ހޫނު ދުވަސްވަރެއްކަމަށްވެފައި، ވަކިން ޚާއްސަކޮށް ކޯވިޑް-19 އާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ބޯފެން ގަނެ، ގޭގޭގައި ސްޓޮކް ކުރާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެމް.ޑަބްލިޔު.އެސް.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު ވިދާޅުވީ، ބޯފެނުގެ ޑިމާންޑް އޮތް މިންވަރަށް ބަލާ، ބޯފެން ހުސްވިޔަނުދީ ފޯރުކޮށްދިނުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ފުޅީގައި ބަންދުކުރާ ފެން ސަޕްލައިކުރުމުގައި އެކުންފުނީގެ ފަރާތުން އެއްވެސް ކަހަލަ ކޮންޓްރޯލެއް ގެނެސްފައިނުވާކަމަށް ޝާހު ވިދާޅުވިއެވެ.

"އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ބޯފެން މި އުފައްދަނީ. ފެން ޑެލިވަރީ ކުރުމާއި ލޮޖިސްޓިކް ކަންކަން މިކުރަނީ އަޅުގަނޑުމެންގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ އައި.ބީ.އެމުން. އައި.ބީ.އެމްގެ ޑިމާންޑާއި އެއްވަރަށް ފެން އުދެއްދޭތޯ އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަން. ނަމަވެސް ބައެއް ހާލަތްތަކުގައި އާދޭ ޑިމާންޑާއި އެއްވަރަށް ފެން ނުއުފެއްދޭ ހާލަތުވެސް. ނަމަވެސް މަސައްކަތް ކުރަނީ އެވަރަށް އުފެއްދޭތޯ. އަދި އަޅުގަނޑުމެން ފުޅީގައި ބަންދުކުރާ ފެން އެއްވެސް ވަރަކަށް ކޮންޓްރޯލެއް ނުކުރަން. އަޅުގަނޑުމެންނަށް އުފެއްދޭ މިންވަރަކުން އައިބީއެމުން އެދަނީ ޑެލިވަރކޮށްދެމުން" އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު ވިދާޅުވިއެެވެ.

މިއީ ހޫނު ދުވަސްވަރުކަމުން ބޯފެނަށް ޖެހުމުގެ މައްސަލަ ހައްލުކުރުމުގެގޮތުން އެކުންފުނިން ދުރާލާ ތައްޔާރުވެފައިވާކަމަށް އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު ވަނީ ވިދާޅުވެފައެވެ. ފުޅީގައި ބަންދުކުރާ ފެން އުފެއްދުމުގެ އިތުރުން، ގޭގެއަށް ދޫކުރާ އިސްކުރު ފެން ފޯރުކޮށްދޭ މިންވަރަށްވެސް އެއްވެސް ބަދަލެއް ނާންނާނެކަމަށް ޝާހު ވިދާޅުވިއެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ވަނީ މި ދުވަސްވަރު ފެން ބޭނުން ކުރުމުގައި ވީހާވެސް އިސްރާފު ކުޑަވާނެހެން އިޤްތިޞާދުކުރުމަށް އާއްމުންނަށް އިލްތިމާސްކޮށްފައެވެ.