ޚަބަރު

ކޯވިޑް-19 : ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދާ އިޓަލީގެ ފަތުރުވެރިޔާގެ ހާލު ރަނގަޅު


ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި އޮތް އިޓަލީ ފަތުރުވެރިޔާގެ ހާލު މިހާރު ސްޓޭބަލްކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.މޫސާ މުރާދު ވިދާޅުވީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫއަށް ގެންދެވުނު މީހާގެ ހާލު މިހާރު ކުރިއަށްވުރެ ރަނގަޅުކަމަށާ، އޭނާއަށް ނޭވާލާން ދަތިވާތީ ކުރިން ދެމުންދިޔަ އޮކްސިޖަންވެސް ދިނުން މިހާރު ހުއްޓާލާފައިވާކަމަށެވެ.

ޑރ.މުރާދު ވިދާޅުވީ މިވަގުތު ފަރުކޮޅު ފުށީގެ އައިސޮލޭޝަންގައިތި އެންމެގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި މިވަގުތު މަސައްކަތް ކުރަމުންދަނީ އައިސޮލޭޝަންގައި ތިބި މީހުންނާއި، ކަރަންޓީން ކޮށްފައިތިބި މީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޚީ ޚިދުމަތްތައް ވަގުތުން ވަގުތަށް ފޯރުކޮށް ދިނުމަށްކަމަށެވެ.

ކޯވިޑް-19 އަށް ރާއްޖޭން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 13 މީހެއް:
- ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
- ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
- ކުރަމަތި މޯލްޑިވްސްއިން 2 މީހުން
- ސަފާރީއަކުން 2 މީހުން
- އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުންނެވެ.

ޑރ. މުރާދު ވަނީ މިދަނޑިވަޅުގައި ހުރިހާ ރައްޔިތުންވެސް ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ބޯލަބުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޞިއްޚީ ގޮތުން މިދަނޑިވަޅުގައި އެންމެ ރައްކާތެރި ގޮތަކީ ހުރިހާ ރައްޔިތުންވެސް ގޭގައި ތިއްބެވުންކަމަށާ، ކޮންމެހެން ނިކުންނަންޖެހޭ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށްވެސް ޑރ.މުރާދުވަނީ އިލްތިމާސް ކުރައްވާފައެވެ.