ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އަކްރަމް އައްޔަންކުރައްވައިފި


އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އެކޮމިޝަނުގެ މިހާރުގެވެސް ނައިބްރައީސް އަޙްމަދު އަކްރަމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޢައްޔަން ކުރައްވައިފިއެވެ.

އަޙްމަދު އަކްރަމް މި މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އަކްރަމް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދެއްވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 72 މެމްބަރުންގެ އައުލަބިއްޔަތުންނެވެ.

ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމަށް އަކްރަމް އައްޔަންކުރެއްވުމާއި ގުޅިގެން މިއަދު ކޮމިޝަނުން ބޭއްވި ކުއްލި ބައްދަލުވުމުގައި ކޮމިޝަންގެ ނައިބްރައީސްގެ މަޤާމަށް އޭނާ ވަނީ އައްޔަންކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް އައްޔަން ކުރައްވާފައިވަނީ އޭނާގެ މަޤާމުގެ މުއްދަތު މާދަމާ ހަމަވާތީއެވެ.

އަކްރަމް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަންކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާއަށް މަޤާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރެވެ.

އަޙްމަދު އަކްރަމަކީ ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ބްރިޓިޝް ސްކޫލް އޮފް ކޮމަރސްއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.