ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ރަނގަޅުވީ މީހުންގެ ޢަދަދު 5 އަށް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި އިތުރު 2 މީހަކު ރަނގަޅުވެ، ރާއްޖެއިން މިބައްޔަށް ފަރުވާދީ ރަނގަޅުވީ މީހުންގެ ޢަދަދު 5 އަށް އަރައިފިއެވެ. މިއާއެކު މިހާރު ރާޢްޖޭގައި މި ބަލިޖެހުނު މީހުންގެ ތެރެއިން ފަރުވާދެމުންދަނީ 8 މީހަކަށެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރ ޑރ.މުޙައްމަދު އިސްމާޢީލް ވިދާޅުވީ 5 މީހަކު ރަނގަޅު ވުމަކީ އުފާވެރި ޚަބަރެއް ނަމަވެސް މިވަގުތަކީ އަދި މީގެ ނުރައްކާ ކުޑަ ވަގުތެއް ނޫންކަމަށެވެ. މިދަނޑިވަޅުގައިވެސް ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތައް އަޑުއަހާ ގޭގައި މަޑުކުރުމަށް ޑރ.މުޙައްމަދު އިސްމާޢިލްވަނީ އިލްތިމާސްކުރައްވާފައެވެ.

ކޯވިޑް19 އަށް ޕޮޒިޓިވްވާ މީހުން ބަލިން މުޅިން ރަނގަޅުވީ ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅަނީ އިތުރަށް 2 ފަހަރު ޓެސްޓު ކުރުމަށްފަހު ނަތީޖާ ނެގެޓިވްވުމުންނެވެ. އެޗްޕީއޭއިން މަޢުލޫމާތުދޭ ގޮތުގައި ބަލިން ރަނގަޅުވާ މީހުންވެސް އިތުރު 30 ދުވަހުގެ މުއްދަތަކަށް ކަރަންޓީންގައި ބައިތިއްބާނެއެވެ.

މިބައްޔަށް މިހާތަނަށް ރާއްޖެއިން 673 ސާމްޕަލްއެއްވަނީ ނަގާފައެވެ. މީގެތެރެއިން 660 ސާމްޕަލްވަނީ ނެގެޓިވްވެފައެވެ.

މިދުވަސްވަރާއި ދިމާކޮށް އެޗްޕީއޭއިންވަނީ ހުމާއި ރޯގާއަށް ޚާއްސަކޮށްގެން 3 ކްލިނިކެއް ޤާއިމުކޮށްފައެވެ. މި ކްލިނިކްތަކުގެ ތެރެއިން ސެނެހިޔާގައި ހަދާފައިވާ ފްލޫ ކްލިނިކުން ވޭތުވެދިޔަ ސައުވީސް ގަޑިއިރު ތެރޭގައިވަނީ 176 މީހުންގެ ސާމްޕަލް ނަގައި ޓެސްޓްކޮށްފައިވެއެވެ. އަދި ރާއްޖެއިން ބޭރުން އަންނަ މީހުންނަށް ޚާއްސަކޮށްގެން ހަދާފައިވާ ޓްރެވަލް ކްލިނިކަށް ދެއްކި 18 މީހުންގެ ސާމްޕަލް ނަގާ ޓެސްޓްކޮށްފައިވެއެވެ. އަދި ހުޅުމާލޭގައި ބިދޭސީންނަށް ހަދާފައިވާ ކްލިނިކަށް ދެއްކި 16 ބިދޭސީއެއްގެ ސާމްޕަލް ނަގާ ކޯވިޑް 19އަށްވަނީ ޓެސްޓްކޮށްފައެވެ.

ކޯވިޑް 19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަސްވަންދެން ތިބުމަށް އެޗްޕީއޭއިންވަނީ އަންގާފައެވެ. އަދި ބައްޔަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި މީހުންގެ ތެރެއިން އަލާމާތްތައް ހުރި މީހުންދަނީ އައިސޮލޭޝަން ފެސިލިޓީތަކާއި ކަރަންޓީން ފެސިލިޓީތަކަށް ބަދަލުކުރަމުންނެވެ. އެއާއެކު މިވަގުތު 496 މީހުން ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ރާއްޖޭގެ 11 ރިޒޯޓަކުން 1158 ކޮޓަރިވަނީ ހަމަޖައްސަވާފައެވެ. ހަމަޖައްސާފައިވާކަމަށެވެ.