ޚަބަރު

ކޯވިޑް-19 : "ބަލަމުންދާ މައްސަލަތަކުގެ ނަތީޖާ ނެރެވެންދެން މަސައްކަތް ކުރާނަން"


ކޯވިޑް-19އާ ގުޅިގެން މިހާރު ބަލަމުންދާ ކުރެއްދޫ ރިސޯޓްގެ މައްސަލާގައިވެސް އަދި އެހެން މައްސަލަތަކުގައިވެސް ނަތީޖާ ނެރެވެންދެން މަސައްކަތް ކުރައްވާނޭކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރެއްދޫ ރިސޯޓްގެ މައްސަލާގައިވެސް ޙިކުމަތްތެރިކަމާއި ކެތްތެރިކަމާއެކު މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިކަމުގައި ކޮޅެއްގައި ޖެހެންދެން މަސައްކަތް ކުރައްވާނެކަމަށާ، މިމައްސަލާގައިވެސް އަދި އެހެން މައްސަލަތަކުގައިވެސް ނަތީޖާ ނެރުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށް ނުދީ ކޮވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރި އިޓަލީގެ ޓޫރިސްޓަކު ޤައުމަށް ފުރުވާލި މައްސަލާގައި ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރު ރާއްޖެއިން ފުރައިގެން ނުދެވޭގޮތަށް އޭނާގެ ޕާސްޕޯޓް މިހާރުވަނީ ހިފަހައްޓާފައެވެ.

ޕީޖީ މިފަދަ ގޮތަކަށް ޓްވީޓެއް ކުރައްވާފައިވާއިރު ޑްރަގްގެ ބޮޑު ނެޓްވޯކުގައި ހިމެނޭ މީހަކު ކޯޓުން އިއްޔެ ދޫކޮށްލި މައްސަލާގައި ފުލުހުން އެމައްސަލަ ހުށަހެޅުމުން ޕީޖީވަނީ އެމައްސަލަ ރިވިއުކުރުމަށް ކްރިމިނަލް ކޯޓްގައި އެދިވަޑައިގެންފައެވެ. މިމައްސަލާގައި އަޑުއެހުމެއް މިއަދު ބޭއްވުމަށް ކްރިނަލްކޯޓްގައިވަނީ ޝެޑިއުލްކޮށްފައެވެ.

ޝަމީމް ވިދާޅުވީ މިފަދަ ހުރިހާ މައްސަލަތަކެއްގައިވެސް ކޮޅެއްގައި ޖެހެދެން މަސައްކަތްކޮށް ނަތީޖާ ނަރެވޭނެކަމަށެެވެ.