ކޯވިޑް-19

ކޯވިޑް-19 : 300 އެނދުގެ ކޯވިޑް ވިލެޖުގެ މަސައްކަތް މިމަހުގެ 15 އަށް ނިންމާލެވޭނެ: މަބްރޫކް


"ކޯވިޑް ވިލެޖް"ގެ ނަމުގައި ސަރުކާރުން ޤާއިމުކުރާ 300 އެނދުގެ ފެސިލިޓީގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ނޭޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެން.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

އެން.އީ.އޯ.ސީގެ ފަރާތުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޯވިޑް ވިލެޖްގެ މަސައްކަތް ހުއްޓުމެނެތި ކުރިއަށްދާކަމަށާއި، އެތަން ޚާއްސަ ކުރާނީ މި ބަލީގައި ކްރިޓިކަލް ކެއަރ ބޭނުންވާ ފަރާތްތަކަށް ފަރުވާ ދިނުމަށްކަމަށެވެ.


ކޯވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވުމަށްޓަކާ ސަރުކާރުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ޞިއްޙީ ޙިދުމަތް ދިނުމުގެ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރު ކުރަމުންދާ އެންމެ މުހިއްމު އެއް މަސައްކަތަކީ "ކޯވިޑް ވިލެޖް"ގެ ނަމުގައި ތަރައްޤީކުރާ 300 އެނދުގެ ފެސިލިޓީގެ މަސައްކަތެވެ. މިތަން ތަރައްޤީކުރަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް ހިމެނޭ ސަރަޙައްދުގައި ހުރި ހުސް އިމާރާތްތަކެއް މަރާމާތުކޮށްގެންނެވެ. ކޯވިޑް ވިލެޖަކީ މި ބަލީގައި ކްރިޓިކަލް ހާލަތަކަށް ނުވަތަ ނުރައްކާތެރި ހާލަތަކަށްދާ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކާ ޚާއްސަކުރާ ފެސިލިޓީއެކެވެ.

މިތަނުގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ކަންކަމުގައި ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޯވިޑް ވިލެޖު ތައްޔާރުކުރުމުގެ ގެ މަސައްކަތް ހުއްޓުމެއްނެތި 24 ގަޑިއިރުކުރަމުންދާކަމަށެވެ. މި ފެސިލިޓީއަކީ އެންމެ ނުރައްކާތެރި ހާލަތަކަށްދާ ބަލި މީހުންނަށްވެސް ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންވާނެ އައި.ސީ.ޔޫއާއި ވެންޓިލޭޓަރ ފަދަ ވަޞީލަތްތަކާއެކު ޤާއިމުކުރާތަނެއްކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެތަނުގެ މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ މިމަހުގެ 15 އަށް މަސައްކަތް ނިންމާލެވެވޭނެކަމަށް އުންމީދުކުރާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"މި ފެސިލިޓީ ނިމޭނެކަމަށް އަޅުގަނޑުމެން މި ބަލަނީ 15 އޭޕްރީލް ހާ ތާނގައި. މިތަނުގައި 300 އެނދު ހުންނާނެ. މިތަނަކީވެސް ޚާއްސަ އެހީއަށް ބޭނުންވާ ނުވަތަ ޚާއްސަ އަޅާލުން ބޭނުންވާ މީހުން ބެލޭނެ ތަނެއް. އަދި ގިނަ އަދަދެއްގެ ވެންޓިލޭޓަރ ބެޑްސްވެސް މިތަނުގައި އޮޕަރޭޓް ކުރަމުންދާނެ" މަބުރޫކު ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ކޯވިޑް ވިލެޖްގެ މަސައްކަތާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަރުކޮޅުފުށީ ޤާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީ މަރާމާތުކުރުމުގެ މަސައްކަތްވެސް ލީޑް ކުރައްވަނީ އެމް.އެން.ޑީ.އެފް ފަރާތުންކަމަށެވެ. އަދި މިކަމުގައި، އެޗް.ޑީ.ސީ، އެމް.ޑަބްލިއު.އެސް.ސީ، ސްޓެލްކޯ، ފެނަކަ، އެސް.ޓީ.އޯ، މަސީ، އަދި އަމިން ކޮންސްޓްރަކްޝަންގެ އިތުރުން، ޕްލޭނިންގ މިނިސްޓްރީގެ މުވައްޒަފުންވެސް ހަރަކާތްތެރިވަމުންދާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.