ޚަބަރު

ކޯވިޑް-19 : މެލޭޝިއާގެ ފުރަބަންދުގެ މުއްދަތު 28 އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި


މެލޭޝިއާގައި އިއުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރު ދެ ހަފްތާއަށް އިތުރުކޮށްފިއެވެ.

ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ މެލޭޝިއާގައި މިހާރު އިޢުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މިއަދު އިތުރުކޮށްފައެވެ.

ފުރަބަންދުގެ މުއްދަތު 28 އޭޕްރީލްގެ ނިޔަލަށް އިތުރުކުރިކަން އިއުލާންކުރައްވާ ވާހަކަފުޅުދައްކަވަމުން މެލޭޝިއާގެ ބޮޑުވަޒީރު މުހިއްދީން ޔާސީން ވިދާޅުވީ، އެ ޤައުމުގައި ފުރަބަންދުގެ މުއްދަތު އިތުރުކުރީ މި ވަގުތު އެ ޤައުމުގައި ބަލި ކޮންޓްރޯލް ނުވެގެން ނޫންކަމަށެވެ. ނަމަވެސް މުއްދަތު އިތުރުކުރީ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކޮށް ސިއްޙީ މަސައްކަތްތެރިންނަށް ޚިދުމަތް ދިނުމަށް ފަސޭހަ ކުރުމައްޓަކައިކަމަށް އޭނާ ވިދާޅުވިއެވެ.

މެލޭޝިއާގެ ބޮޑު ވަޒީރު ވަނީ ކުރިއަށް އޮތީ ރަމަޟާން މަސްކަމުން މިކަމަށް ރައްޔިތުން ސަމާލުވެ އިޖުތިމާޢީ ގައިދުުރުކަން ހިފެހެއްޓުމަށްވެސް ގޮވާލައްވާފައެވެ.

މެލޭޝިއާގައި އިއުލާން ކޮށްފައިވަނީ ޕާޝަލް ލޮކްޑައުންއެކެވެ، ޕާޝަލް ލޮކްޑައުންގެ ތެރެއިން އޮފީސްތަކާއި ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފައިވާއިރު، މި ދަނޑިވަޅުގައި ބޭރަށް ނިކުމެވޭނީ ކާބޯތަކެތި ގަތުމަށާއި ސިއްޙީ ފަރުވާ ހޯދުމަށް އެކަންޏެވެ.

މެލޭޝިއާގައި ފުރަބަންދު އިއުލާންކޮށްފައިވާއިރު، މިހާތަނަށް ދެ ފަހަރެއްގެ މަތިން މެލޭޝިއާއިން މިވަނީ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. އެންމެ ފުރަތަމަ އެ ޤައުމުގައި ފުރަބަންދުގެ މުއްދަތު އިއުލާންކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހުން އެމަހުގެ ނިޔަލަށެވެ. އެހެންނަމަވެސް އެ ޤައުމުގައި ކޮރޯނާ ފެތުރެން ފެށި ގޮތުން މެލޭޝިއާ ސަރުކާރުން ވަނީ ފުރަބަންދުގެ މުއްދަތު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

"މޫވްމެންޓް ކޮންޓްރޯލް އޯޑަރ"ގެ ނަމުގައި ކުރިއަށްގެންދާ ފުރަބަންދުގެ މުއްދަތު ކުރިއަށް އޮތްތަނުގައި އިތުރުކުރަންޖެހިއްޖެނަމަ އެކަން ކުރާނެކަމަށް މެލޭޝިއާގެ ސަރުކާރުން މަޢުލޫމާތުދެއެވެ.

މެލޭޝިއާގައި ކޯވިޑް-19 ޖެހުން މީހުންގެ އަދަދު 4 ހާހަށް ވުރެ މައްޗަށް އަރާފައިވާއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 70 އަށް އަރާފައެވެ. މީގެއިތުރުން މެލޭޝިއާގައި ހުރި ދިވެއްސަކުވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ޤައުމެއްކަމުން، މިހާލަތުގައި އެނބުރި ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް އެ ފުރުސަތު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން މިހާތަނަށް އައިރު ކޯވިޑް-19އާ ގުޅިގެން މެލޭޝިއާގައި ނާދެވި ތިބި ދިވެހިންގެ ތެރެއިން 197 މީހުން ރާއްޖެ ވަނީ ގެނެސްފައެވެ. މީގެ އިތުރުން މެލޭޝިއާގައި މިވަގުތު ދިރިއުޅެމުންދާ ދިވެހިންނަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ، މެލޭޝިއާއަށް މޯލްޑިވިއަންއިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓްގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ ފޮނުވައިދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.