ޚަބަރު

އެމެރިކާއިން ދޭ މާލީ އެހީތެރިކަން ކަނޑާނުލާނެކަމުގެ ޔަޤީންކަން އެބައޮތް: ޑަބްލިއުއެޗްއޯ


ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯއަށް އެމެރިކާއިން ދެމުން އައި މާލީ އެހީތެރިކަން ކަނޑާނުލާނެކަމުގެ ޔަޤީންކަން އޮތްކަމަށް އެޖަމްޢިއްޔާއިން ބުނެފިއެވެ. ކޯވިޑް19 ގެ އަސަރު މިހާތަނަށް އެންމެ ބޮޑަށް ކޮށްފައިވަނީ އެމެރިކާއަށެވެ. އެޤައުމުގައި 580،000 އަށް ވުރެ ގިނަ މީހުންނަށްވަނީ ބަލިމަޑުކަމުގެ އަސަރުކޮށްފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން މިހާނަށް 23،000 އަށް ވުރެ ގިނަ މީހުންވަނީ އެޤައުމުގައި މަރުވެފައެވެ. އެއީ ކޯވިޑް-19ގެ ސަބަބުން އެއްޤައުމަކުން މީހުން މަރުވެފައިވާ އެންމެ މަތީ ޢަދަދެވެ.

ޑަބްލިއުއެޗްއޯއަށް އެންމެ ބޮޑު މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ އެމެރިކާއިންނެވެ. އެޤައުމުންވަނީ 2019 ވަނަ އަހަރު 400 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ޑަބްލިއުއެޗްއޯއަށް ފޯރުކޮށްދީފައެވެ. އެއީ އެޖަމްޢިއްޔާގެ ބަޖެޓުގެ ގާތްގަނޑަކަށް 15 އިން ސައްތައެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާއިންވަނީ ކޯވިޑް-19އާ ދެކޮޅަށް ފިޔަވަޅުއެޅުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ފަރުވާކުޑަކޮށްފައިވާކަމަށް ބުނެ އެޖަމްޢިއްޔާއަށް ދެމުން އައި މާލީ އެހީތެރިކަން ކަނޑާލާނެކަމުގެ އިންޒާރުދީފައެވެ.

އެމެރިކާގެ މި ވާހަތަކާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މީގެ ދެހަފްތާ ކުރިން އޭނާ ވާހަކަދައްކަވާފައިވާ ކަމަށެވެ. އަދި ޑަބްލިއުއެޗްއޯއިން ކުރަމުންދާ މަސައްކަތްތަކަށް ރައީސް ޓްރަމްޕް ތާޢީދުކުރައްވާކަމަށާއި، އެމެރިކާއާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާ ދެމެދު އޮންނަ ގުޅުން ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމެރިކާއިން ދެމުންދާ މާލީ އެހީތެރިކަން ކަނޑާނުލާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާގައި ގޮތްނޭނގޭ ބަލިމަޑުކަމެއް ފެތުރޭކަން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް އެންމެ ފުރަތަމަ ގެނެސްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ހަމަ އެހަފްތާގެ ތެރޭގައި 2020 ވަނަ އަހަރުގެ ޖެނުއަރީ 5 ވަނަ ދުވަހު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ އެޖަމްޢިއްޔާއަށް ނިސްބަތްވާ ހުރިހާ މެމްބަރު ޤައުމަކަށް ބަލިމަޑުކަމާބެހޭ މަޢުލޫމާތު ޙިއްޞާކޮށްފައެވެ. އަދި އެމެރިކާއިން ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދިން އިންޒާރާ ގުޅިގެން އެކަށީގެންވާ ފިޔަވަޅު އަޅާފައިކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.