ޚަބަރު

ކޯވިޑް-19 : ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލާނީ، އެޗްޕީއޭއިން މޮނިޓަރިން ޙާލަތަށް ގެންދާ ރަށްރަށުގައި


މިވަގުތު، މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތުގެ ޖަމާޢަތް މެދުކަނޑާނުލާ ކުރިއަށް ގެންދެވުމަށާއި ޖަމާޢަތް މެދުކަނޑާލާނީ އެޗްޕިއޭއިން މޮނިޓަރިންގެ ޙާލަތަށް ގެންނަ ރަށްރަށުގައި އެކަނިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލަންޖެހޭ ރަށްރަށް އިސްލާމިކް މިނިސްޓްރީން އަންގަމުންދާނެއެވެ. މިހާލަތަކީ ރާއްޖޭގައި މުޖުތަމައުގައި ބަލި އޮތް ހާލަތަކަށްވާއިރު، މިހާލަތުގައި އެޗްޕީއޭއިން އަންގާ އެންގުމާ އެއްގޮތަށް ހުރިހާ ރައްޔިތުންވެސް ޢަމަލުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެއްވެއުޅުން މަދުކުރުމަށް، މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި ރިސޯޓްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވަނީ މާޗްމަހުގެ 18ވަނަ ދުވަހުން ފެށިގެން 28ވަނަ ދުވަހުގެ ނިޔަލަށެވެ. އޭގެ ފަހުން އޭޕްރީލް މަހުގެ 4ވަނަ ދުވަހާ ހަމައަށް މިމުއްދަތު އިތުރުކޮށްފައި އޮތުމަށްފަހު މިމަހުގެ 11ވަނަ ދުވަހުން ފެށިގެން މިއަދުގެ އަސްރުނަމާދުގެ ނިޔަލަށް ވަނީ މިމުއްދަތު އިތުރުކޮށްފައެވެ. ނަމަވެސް މިހާރު މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާތީ މިސްކިތްތަކުގައި ނަމާދުކުރުންވަނީ މެދުކަނޑާލާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންވެސް ވަނީ މީހުން ދިރިއުޅޭ ރަށެއް މޮނިޓަރިންގެގެ ޙާލަތަށް ގެނެސްފިނަމަ، އެރަށެއްގައި ޖަމާޢަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދު ނުކުރުމަށް މީގެކުރިން ވެސް އަންގަވާފައެވެ. މިއީ އެއްވަގުތެއްގައި ގިނަބަޔަކު އެއްތަނަކަށް ޖަމާވުން ރައްކާތެރި ނޫންކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާތީ ނިންމާފައިވާ ނިންމުމެކެވެ.