ޚަބަރު

ޖަލުގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލްކުރީ ޕްރޮފެޝަނަލްކޮށް


ރޭ މާފުށީ ޖަލުގަ ހަމަނުޖެހުންތަކެއް ހިނގިކަމަށާ، އެހެންނަމަވެސް މިހާތަނަަށް އެނގޭގޮތުގައި އެހާދިސާ ކޮންޓްރޯލްކުރުމުގައި ޖަލު ބަލަހައްޓާ އޮފިސަރުން އަމަލުކޮށްފައިވަނީ ޕްރޮފެޝަނަލްކޮށް ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގީ ޔުނިޓް ނުވައެއްގައި ތިބި ގައިދީންނަށް ކާންދޭން ގޮޅި ހުޅުވި ވަގުތު ބައެއް ގައިދީން ގޮޅިން ނުކުތުމުން ކަމަށް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތުދެއްވައެވެ. އަދި އެހަމަނުޖެހުމުގައި ގައިދީއަކަށާއި ޖަލުގެ ދެ އޮފިސަރަކަށް އަނިޔާވެފައިވާކަމަށް އެ ސަރވިސްިއން ވިދާޅުވެއެވެ. މި ހަމަނުޖެހުން ކޮންޓްރޯލްކޮށް ޖަލު އޮފިސަރުން އަމަލުކޮށްފައިވަނީ ޕްރޮފެޝަނަލްކޮށް ކަން ހާމަވަނީ މިޙާދިސާއާގުޅިގެން އެކުލަވާލި އިންސިޑެންޓް ރިޕޯޓާއި ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީގެ ރިޕޯޓުންކަމަށް ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރު ވިދާޅުވިއެވެ.

މިހަމަނުޖެހުންތަކުގައި މާބޮޑު ގެއްލުންތަކެއް ނުލިބުނަމަވެސް ހަމަނުޖެހުން ކޮންޓްރޯލޮށް ޖަލު އާންމު ހާމަލަތަށް ގެނެވިފައިވަނީ ޖަލު އޮފިސަރުންގެ ކުޅަދާނަކަމުން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓްގައިވެސް ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19އާ ގުޅިގެން ޖަލުތަކުގައި ބަންދުކޮށްފައި ތިބި ޤައިދީންނާއި ބަންދުމީހުންނާއި ދިވެހިރާއްޖޭގެ ޖަލުތައް ބެލެހެއްޓުމާއި ޤައިދީންނާއި ބަންދުމީހުންނާ ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންގެ ސިއްޙީ ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ޖަލުތަކުގައި ޙުކުމް ތަންފީޒުކުރަމުންދާ ސަތޭކަ ފަސް މީހަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޢާފްކޮށްދެއްވާފައެވެ.

އަދި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މިހާލަތުގައި، އަދަބު ލުއިކޮށްދެއްވި މީހުން ދިރިއުޅެން ހުރިތަންތަނުގެ ޙާލަތަށާއި، އެމީހުންގެ ފަރާތުން މުޖުތަމަޢަށް ނުރައްކާ އޮތްމިންވަރަށާއި އަދި އެފަރާތްތަކުން ކޮށްފައިވާ ކުށުގެ ބާވަތަށާއި ވަށައިގެންވާ އެހެން ކަންކަމަށް ބަލާފައިވާނެކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.