ޚަބަރު

ކޯވިޑް-19 : "ފުރަބަންދުކުރި ފަހުން ޕޮޒިޓިވްވި މީހުންނާ ސީދާ ދިމާވި މީހުން މަދު"


މާލެ ސަރަޙައްދު ފުރަބަންދު ކުރިފަހުން ކޯވިޑް-19ޖެހިފައިވާ މީހުންނާ ކޮންޓެކްޓްވާ މީހުންގެ ޢަދަދު މަދުކަމަށާ، މިގޮތަށް ހިފެހެއްޓިއްޖެނަމަ ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުކުރެވިގެންދާނެކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓެގްޓީމްގެ ޑޮކްޓަރ، ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ޕޮޒިޓިވްވެފައިވާ މީހުންނާ ސީދާ ދިމާވެގެން ހެދި ޓެސްޓްތަކުން ޕޮޒިޓިވް ވެފައިވާ މީހުންކަމަށެވެ.

މިހާތަނަށް ފެނިފައިވާ ކޭސްތަކާއި ސީދާ ދިމާވި ގިނަމީހުން ދެނެގަނެވި އެމީހުންގެ ސާމްޕަލް ނަގަމުންދާކަމަށެވެ. އަދި މާލެފުރަބަންދުކުރުމަށްފަހު މިވީ މުއްދަތުގައި މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ކޮންޓެކްޓްތައް ވެފައިވާލެއްމަދުކަމަށް މިހާތަނަށް އެއްކުރެވުނު މައުލޫމަތުތުކުން ހާމަވާކަމަށް ޑރ.ފާޠިމަތު ނަޒްލާ ވިދާޅުވިއެވެ. މިގޮތަށް ފުރަބަންދުގައި ތިބެ ބައްދަލުވާ މީހުންނާއި ސީދާ ދިމާވާ މީހުން މަދުވާނަމަ މިކަމުގައި ކުރިއެރުންތަކއް ލިބޭނެކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިޙާލަތުގައި ހުރިހާ ރައްޔިތުންވެސް ކެތްތެރިކަމާއެކު ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ޢަމަލުކުރާނަމަ ބަލި ކޮންޓްރޯލް ކުރެވޭނެކަމުގެ އުންމީދުބޮޑުކަމަށް ޑރ.ނަޒަލާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން އިތުރުބަޔަކު ޕޮޒިޓިވްވި ކަމުގައި ވީނަމަވެސް މިމީހުންނާ އިތުރުބަޔަކާއި ސީދާ ދިމާނުވާނަމަ މުޖުތަމަޢުގައި ބަލި ފެތުރުން ކޮންޓްރޯކުރެވޭނެކަމަށެވެ. އަދި މިވަގުތު މަސައްކަތް ކުރަމުންދަނީވެސް ފެންނަ ޢަދަދު މަދުކުރުމަށްކަމަށެވެ.

މިވަގުތުގައި ޕޮޒިޓިވްވެފައިވަ މީހުންގެ ތެރެއިން އެމީހަކާ ދިމާވެފައިވާ މީހުން ދެނެގަނެވި އެމީހުންގެ ސާމްޕަލްނަގުމަކީ މިހާރު އެޗްޕީއޭއިން އެންމެ އިސްކަންދޭ ކަންތައްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދިނުމަކީ މުހިންމުކަމެއްކަމަށް ނަޒްލާ ވިދާޅުވިއެވެ.