ޚަބަރު

މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމުގައި ސިފައިން ދަނީ އަގުހުރި ޙިދުމަތްތަކެއް ފޯރުކޮށްދެއްވަމުން - ރައީސް


ދިވެހިރާއްޖޭގެ އިސްތިޤްލާލާއި މިނިވަންކަން ދަމަހައްޓައި ރައްޔިތުންގެ ރައްކާތެރިކަމަށް ސިފައިން ކުރައްވާ އަގުހުރި މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ އިސްވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރައްވައިފިއެވެ.

ސިފައިންގެ 128ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އަހަރީ ދުވަހުގެ ތަހުނިޔާއާއި މުބާރިކްބާދީ އެންމެހައި ސިފައިންނަށް އަރިސްކުރައްވާކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިސްތިޤްލާލާއި މިނިވަންކަން ދަމަހައްޓައި ރައްޔިތުންގެ ރައްކާތެރިކަމަށް ސިފައިންކުރާ އަގުހުރި މަސައްކަތްތަކަށް އިޚްލާސްތެރިކަމާއިއެކު އެމަނިކުފާނުވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިދުވަހުގެ ތަހުނިޔާ ރާއްޖޭގެ ގިނަބަޔަކު ދަނީ ސިފައިންނާއި ސިފައިންގެ އާއިލާތަކަށް އަރިސްކުރަމުންނެވެ. ކޯވިޑް-19އާ ގުޅިގެން މިއަހަރުގެ ސިފައިންގެ ދުވަހުގެ އެއްވެސް ހަރަކާތެއް ނުބާއްވައެވެ. މިހާލަތުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި، އުދަގޫތަކަށް އެހީތެރިވުމަށް ސިފައިންދަނީ ހަރަކާތްތެރިވަމުންނެވެ.

ޑެލިވަރީގެ ޙިދުމަތާއި، ކޯވިޑް-19ގެ ސާމްޕަލް ނެގުމުގައި އެހީތެރިވުމާއި މިވަގުތަށް ބޭނުންވާ ހެލްތް ފެސިލިޓީސްތައް ގާއިމްކުރުމުގައިވެސް ސިފައިންދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ. ޤައުމަށް ދިމާވާ މިފަދަ ކޮންމެ ހިތްދަތި ދަނޑިވަޅެއްގައި ސިފައިންނަކީ އެންމެ ކުރީސަފުގައި ހަރަކާތްތެރިވެ ނަމޫނާ ދައްކަމުންދާ އެއް މުވައްސަސާއެވެ.

ރާއްޖެއަށް ދިމާވި ހިއްދަތި ބޮޑެތި ހާދިސާތަކާއި، ނުރައްކާތެރި ދަނޑިވަޅުތަކުގައިވެސް ސިފައިން ވަނީ ރައްޔިތުންގެ ރައްކަލަށްޓަކައި ބޮޑެތި ޤުރުބާނީތަކެއްވެފައެވެ. ޓެރަރިޒަމްގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށްދެއްވުމަށް ރެއާދުވާލު ސިފައިންދަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފުރަތަމަ ދިވެހިސިފައިން އުފައްދަވާފައިވަނީ 21 އެޕްރީލް 1892ވަނަ އަހަރު ނޫރުއްދީން ބަންޑާރައިންގެ ރަސްކަމުގައެވެ. އެންމެ ފުރަތަމަ ދިވެހި ސިފައިންގެ ކޮމާންޑަރަކީ މީރުބަހުރު އިސްމާޢީލް ދީދީއެވެ.