ކޯވިޑް-19

ކޯވިޑް-19 : އޯޑަރުކޮށްގެން ގެންނަތަކެއްޗާއި ޙަަވާލުވުމުގައިވެސް ސަމާލުވުން މުހިންމު


ރާއްޖޭގަައިވެސް މިހާރު ކޯވިޑް-19 އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ނުވަތަ ކޮމިއުނިޓީ ސްޕްރެޑެއް ގޮތަށް ފެތުރެން ފަށާފައިވާއިރު، ބަލީގެ އަލާމާތްތައް ނުފެނިވެސް ބައެއް މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން ބަލީގެ ނުރައްކާ އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އާއްމު ސާފުތާޙިރުކަމަށް ޚާއްސަ އަޙައްމިއްޔަތުކަމެއް ދިނުން ވަރަށް މުހިއްމެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަަޅެއްގެ ގޮތުން މާލޭސިޓީ އެއްކޮށް ފުރަބަންދުކޮށްފައިވާއިރު، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ހޯދަންމިޖެހެނީ ގޭގައި ތިބެގެންނެވެ. ޑެލިވަރީގެ ޚިދުމަތް މާލެސިޓީއަށް އިންތިހާއަށް މުހިންމެވެ. ނަމަވެސް މި ބަލީގެ ޒާތުގެގޮތުން މިގޮތަށް ފިހާރަތަކުން އޯޑަރކޮށްގެން ގެންނަތަކެއްޗާއި ޙަވާލުވުމުގައިވެސް ފަރުވާތެރިވުން މުހިންމެވެ.

އުސް އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކުންވެސް އެޕާޓްމަންޓްގެ ދޮރުމައްޗަށް ޑެލިވަރީކުރުވުމުގެ ބަދަލުގައި ގޭގެ ތިރީބުރީގައި އެފަދަ ތަކެތި ބަލައިގަންނަން ޚާއްސަ އިންތިޒާމެއް ހަމަޖެއްސުމަކީ މިދުވަސްވަރު ވަރަށް މުހިންމުކަމެކެވެ. އެގޮތުން ޑެލިވެރީ ކުރާ ތަކެތި ބަލާދާއިރު އެ ތަކެތި އަޅަން ފޮތި ކޮތަޅަކާއި، އަތް ލެވޭ ތަންތަން އަދި އަތް ސާފުކުރުމަށް ޑިސްއިންފެކްޓަންޓު މިކްސް އަޅައި ތެތްކޮށްފައި އޮތް ކުޑަ ތުވާއްޔެއް ނުވަތަ ފޮތިކޮޅެއް ހިފައިގެންދިއުމަކީ މުހިންމުކަމެކެވެ.

ފްލެޓުން ނުވަތަ ދިރިއުޅޭ އެޕާޓްމަންޓުން ބޭރަށް ދާނަމަ، އަދި ތިމާ ދިރިއުޅޭ ގޭބިސީގައި ހިމެނޭ ގާތް މީހުންގެ ބޭރުން އެހެން އެއްވެސް މީހަކާ ބައްދަލު ކުރާނަމަ، އަދި ޑެލިވަރީ ބަލާ ދާއިރުވެސް މާސްކު އަޅައިގެން ނޫނީ ނުދިއުން އެދެވިގެންވެއެވެ. ބޯފޮތިގަނޑަކުން ހަދާފައި އޮތް މާސްކެއްވެސް ފުދޭނެއެވެ.

ޑެލިވަރީ ހިފައިގެން އަންނަ މީހުންނާވެސް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުން ވަރަށް މުހިންމެވެ. 3 ފޫޓަށްވުރެއް ކައިރިނުވާށެވެ. ޑެލިވަރީ ހިފައިގެން ދާ މީހާ މާސްކުނާޅާ ހުރިނަމަ އަދި އަމުދުން ކާރިނުވާށެވެ. އެއީ ތިމާއާ ޑެލިވަރީ ހިފައިގެން ދާ މީހާގެ ރައްކަލަކަށެވެ. އަދި ތަކެއްޗާއި އަމިއްލަ އަތުން ހަވާލުވުމުގެ ބަދަލުގައި، ގެނައިތަކެތި އެކަމަށް ޚާއްސަ ކުރެވިފައިވާ ތަނުގައި އެތަކެތި ގެނައި މީހާ ލައްވާ ބަހައްޓުވާށެވެ. އަތުން އަތަށް އެއްވެސް އެއްޗެއް ބަދަލު ނުކުރާށެވެ. މިދަނޑިވަޅުގައި ނަގުދު ފައިސާވެސް އަތުން އަތަށް ބަދަލުކުރުން އެހާ ރައްކާތެރިއެއް ނޫނެވެ. އެހެންކަމުން ފައިސާވެސް އޮންލައިންކޮށް ފޮނުވުމަށް ޚިޔާރުކުރާށެވެ.

ޑެލިވަރީ ކުރި ތަކެތި އަޅާފައިހުރި ޕްލާސްޓިކް ކޮތަޅު ތިމާ ދިރިއުޅޭ ތަނުގެ އެތެރެއަށް ނުވެއްދުމަށާއި، ފިހާރައިން އެއްޗެތި އަޅައިގެން ގެންނަ ކޮތަޅުވެސް ތިމާ ދިރިއުޅޭ ފްލެޓު ނުވަތަ އެޕާޓްމަންޓުގެ އެތެރެއަށް ނުވައްދުމަކީ ރައްކާތެރިވުމުގެ ގޮތުން މިދަނޑިވަޅުގައި ކުރުން މުހިންމު ކަންކަމުގެ ގޮތުގައި ޑޮކްޓަރުންނާ ކަމާބެހޭ މާހިރުންދަނީ ފާހަގަކުރައްވަމުންނެވެ. އަދި ޑެލިވަރީ ކުރި ހުރިހާ ސާމާނެއް ފޮތިކޮތަޅަކަށް ބަދަލުކޮށް ޕްލާސްޓިކް ކޮތަޅު ރައްކާތެރިގޮތުގައި އުކާލާށެވެ. އެއަށްފަހު ޑިސްއިންފެކްޓަންޓުން ތެތްކޮށްފައި އޮތް ތުވާލިކޮޅުން އަވަހަށް އަތް ސާފުކުރާށެވެ. އެއްޗެތި ބެހެއްޓި ތަންވެސް އަދި އަތް ލެވުނު ތަންތަންވެސް ސާފުކޮށްލާށެވެ. ތިމާ ދިރިއުޅޭ ފްލެޓް ނުވަތަ އެޕާޓްމަންޓަށް ތަކެތި ވައްދާނީ ގެއިންހިފައިގެން ދިޔަ ފޮތިކޮތަޅުގައެވެ.

ގެއަށް އެތަކެތި ވެއްދުމާއިއެކު އެތަކެތީގެ ބޭރު ސައިބޯނި ފެނުން ދޮވެލާށެވެ. ނުދޮވެވޭ ކަހަލަ އެއްޗެތީގެ ބޭރު ޑިސްއިންފެކްޓަންޓުން ތެތްކޮށްފައި އޮތް ތުވާލިކޮޅަކުން ރަނގަޅަށް ފޮހެލާށެވެ. ތަރުކާރީއާއި މޭވާގެ ބާވަތްތައް ވެސް ދެރަކޮށް ހަދާފައިހުންނަ ސައިބޯނި ފެންގަޑެއް ނުވަތަ ބްލީޗް ފެންފޮދެއްގެ ތެރެއަށް ގަންބާލައިގެން ސާފުކުރަންވާނެއެވެ. ހުރިހާތަކެތި ސާފުކޮށްނިމުމުން ރަނގަޅަށް އަތް ދޮންނަންވާނެއެވެ.

މި މަސައްކަތް ކުރުމުގެ ތެރޭގައި އެއްޗެތި ބެހެއްޓުނު ތަންތަނާ، އަތްލެވުނު ތަންތަނާ، ދޮރުގެ ގޮބު، ލިފްޓު ބަޓަން އަދި ފޯނުވެސް ރަނގަޅަށް ސާފުކުރާށެވެ. އެއަށްފަހު ޑިސްއިންފެކްޓަންޓުން ތެތްކޮށްފައި އޮތް ތުވާލިކޮޅު އަދި ފޮތި ކޮތަޅުވެސް ހޫނު ސައިބޯނިފެނުން ދޮވެ ހިއްކާލުން މުހިއްމެވެ.

ޑިސްއިންފެކްޓަންޓް ގޭގައި ދެ ވައްތަރަކަށް ތައްޔާރުކުރެވިދާނެއެވެ. އެދެވައްތަރަކީ

- ބާރުގަދަކޮށް ޑިސްއިންފެކްޓަންޓް ތައްޔާރުކުރާނަމަ: 90 އެމްއެލް ފެނަށް 10 އެމްއެލް އާދައިގެ ބްލީޗް / ކުޅު، ހޮޑު ނުވަތަ ގައިން ނުކުންނަ ދިޔަ ޖެހިފައި ހުންނަ ތަންތަން ސާފުކުރުމަށް މި ވައްތަރު ބޭނުންކުރެވިދާނެއެވެ.

- ބާރު ދެރަކޮށް ޑިސްއިންފެކްޓަންޓް ތައްޔާރުކުރާނަމަ: 1 ލީޓަރު ފެނަށް 10 ނުވަތަ 20 އެމްއެލް އާދައިގެ ބްލީޗް. މިޑިސްއިންފެކްޓު އާއްމުކޮށް ބޭނުންކުރުމަށް، ގިނައިން އަތްލާތަންތަން އަދި ތަކެތި ސާފުކުރުމަށް ބޭނުން ކުރެވިދާނެއެވެ.

މިގޮތަށް ތައްޔާރުކުރާ ޑިސްއިންފެކްޓަންޓު ކުޑަކުދިންގެ އަތްނުފޯރާ ހިސާބުގައި ބެހެއްޓުން މުހިއްމެވެ. ކޮންމެ 24 ގަޑިއިރަކުން ނުވަތަ 48 ގަޑިއިރަކުން އެއްފަހަރު މި މިކްސް އާކުރަންވާނެއެވެ.

މިއީ ވަރަށް އާދައިގެ ކަންކަމެވެ. އެހެންނަމަވެސް ކޯވިޑް-19 އާއި ދެކޮޅަށް މިވަގުތު ބޭނުންކުރެވޭނެ އެންމެ މުހިއްމު ހަތިޔާރަކީ މިދެންނެވި އާދައިގެ ކަންކަމެވެ. ރައްކާވެތިބިއްޔާ ދަތުރެވެ. އެހެންކަމުން މިދެންނެވި ކަންކަމަށް ސަމާލުވާށެވެ.