ޚަބަރު

ކޯވިޑް-19 : އިންތިޚާބަށް ސަސްޕެންޑް ކުރި މުވައްޒަފުންގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި


ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅި މީހުންގެތެރެއިން ސަސްޕެންޑް ކޮށްފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބެމުންދާ ގެއްލުންތަކަށް ޤާނޫނީ ހައްލެއް ހޯދުމަށްޓަކައި އެމައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ ކޯވިޑް 19 އާއި ގުޅިގެން އިންތިޚާބް ބާއްވާނެ ދުވަހެއް އެގިފައި ނުވުމާއި، އިންތިޚާބްގައި ވާދަކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ސަސްޕެންޑް ކޮށްފައިވާ މުވައްޒިފުންނަށް އަވަސް ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން މުސާރައާއި އެހެނިހެން އެއްވެސް އިނާޔަތެއް ނުލިބޭގޮތަށް ސަސްޕެންޑްވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަނާ މެދު ގޮތެއް ނިންމަވައިދެއްވުމަށް އެދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 18 ވަނަ މާއްދާގެ ދަށުން، އިއްޔެ ވަނީ މިމައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ.

ސީއެސްސީން ވިދާޅުވީ މި މައްސަލައަށް އަވަސް ހައްލެއް ހޯދޭނެ ގޮތަކީ ކޮބައިތޯ ދެނެގަތުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނާއި ސިވިލް ސަރވިސް ކޮމިޝަނާމެދު ފޯނު ކޮންފަރެންސްގެ ޒަރިއްޔާއިންވެސް އަންގާރަދުވަހު މަޝްވަރާކޮށްފައިވާކަމަށެވެ. އިންތިޚާބް މުއްދަތެއް ނެތްގޮތަށް ފަސްކުރުމާއި ގުޅިގެން އިންތިޚާބްގައި ވާދަކުރަން ނިންމި ސިވިލް ސަރވިސް މުވައްޒިފުންނަށްވަނީ މުސާރަޔާއި ރަމަޟާން މަހުގެ އިނާޔާތްވެސް ނުލިބިފައެވެ.

މިމައްސަލަޔައަށް އަވަސް ހައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީންވެސް ވަނީ މިކަމުގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަވަސްގޮތަކަށް މިކަން މަޖިލީހުން ނިންމަވައިދެއްވުމަށް މަޖިލީހުގެ ރައީސްއަށްވެސް ހުށަހަޅާފައެވެ.