ޚަބަރު

ކޯވިޑް-19އާއި އެއްވަރަށް މޫސުމީ ނުރައްކަލަށްވެސް ރިޔާއަތްކުރަންޖެހޭ- ރައީސް


ކޯވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމުގެ މައްސަލައަށްވެސް ރިޔާޢަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ "އަރތުޑޭ" ގެ މުނާސަބަތުގައި ކުރެއްވި ޓްރީޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އިތުރުވަމުންދާއިރު، މޫސުމީ ކާރިސާތަކާއި، ކޯވިޑް-19ގެ ބަލިމަޑުކަން އިތުރުވުމުގެ ސަބަބުން ރާއްޖެފަދަ ޖަޒީރާ ކުދި ޤައުމުތަކަށް އޮތް ނުރައްކާ ބޮޑުވެފައިވާކަމަށެވެ.

އެހެންކަމުން ނުރައްކާތެރި އެފަދަ ހާލަތަތަކަށް ތައްޔާރުވުމަށް ކުރާ މަސައްކަތުގައި މޫސުމީ ބަދަލުތަކާއި، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ނުރައްކަލުގެ ހާލަތަށްވެސް ރިޔާޢަތްކޮށް ދުރާލާ ތައްޔާރުވެތިބެންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

"އަރތުޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 22 ވަނަ ދުވަހެވެ. މިފަދަ ދުވަހެއް ފާހަގަކުރަނީ މޫސުމީގޮތުން އޮތް ނުރައްކަލާ ގުޅޭގޮތުން ހޭޅުންތެރިކުރުވުމަށެވެ.