ޚަބަރު

ކޯވިޑް-19 : އެމްއެމްއޭ އިން ސަރުކާރަށް ދަރަނި ނެގޭގޮތަށް ލުޔެއް ހޯދައިދިނުމަށް އެދިއްޖެ


މަރުކަޒީ ބޭންކު، މޯލްޑިވްް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ސަރުކާރަށް ދިގުމުއްދަތަކަށް ދަރަނި ނެގޭނެގޮތް ހެދުމަށް ދައުލަތަށް ދަރަންޏަށް ޒިންމާވުމުގެ ޤާނޫނުގެ ދަށުން ލުޔެއް ހޯދައިދިނުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައިވަނީ ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ފައިސާ ހޯދުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމާފައިވާކަން ބަޔާންކުރައްވާފައެވެ. މިވަގުތު ރާއްޖޭގެ އިޤްތިސާދާއި ދައުލަތުގެ މާލީ ޙާލަތު އޮތްގޮތުން، ގާނޫނީ އިމުގެތެރެއިން ފިޒިކަލް ހަމަތަކާ އެއްގޮތަށް އަމަލު ކުރުމަކީ ދަތިކަމަކަށް ވާނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގޭނީ، 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާޞްކުރާގޮތަށް، އެއިރެއްގެ މާކެޓް އިންޓަރެސްޓް ރޭޓަށްވުރެ ދަށްނޫން ރޭޓެއްގައި އެޑްވާންސެއްގެ ގޮތުގައިކަމަށެވެ.
މިގޮތުން ފައިސާ ނެގޭނީ، ވޭތުވެދިޔަ ތިން އަހަރުގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ %1 އަށްވުރެ އިތުރުނުވާނޭ ގޮތެއްގެމަތިންކަމަށްވެސް ޤާނޫނުގައިވެއެވެ.

އަދި ދައުލަތުން ދަރަންޏަށް ފައިސާ، ނަގަންވާނީ ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކަށާއި، އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނިކަމށްވެސް ބަޔާންކޮށްފައިވެއެވެ. އަދި ދަރަނި އަދާކުރުމަށްޓަކައި، ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމުގެ ބޭނުމަށްޓަކައި، ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް، މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގިދާނެކަމަށްވެސް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވެވި ސިޓީގައި ވަނީ އެމްއެމްއޭއިން ދަރަނި ނެގުމުގައި އަމަލުކުރަންޖެހޭނެކަމަށް ބަޔާންކުރާ އެއުސޫލުތައް އެއްއަހަރު ދުވަހުގެ މުއްދަތަށް އަމަލުކުރުން އިސްތިސްނާކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. ފިނޭންސް މިނިސްޓަރ ފޮނުއްވެވި ސިޓީ މަޖިލީހުގެތަޅުމަށް އިއްވަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މި މައްސަލަ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދަވާނެކަމަށެވެ.