ޚަބަރު

ކޯވިޑް-19 : ކަރަންޓީނުގައިހުރި އެހެން ބައްޔަކަށް ފަރުވާކުރާ ދިވެއްސަކު މަރުވެއްޖެ


ކަރަންޓިނު ފެސިލިޓީއަކުން އިތުރު ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ދިވެއްސަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ އިންޑިއާއިން އެނބުރި ރާއްޖެއައިސް ކަރަންޓިން ފެސިލިޓީއަކަށް ގެންގޮސްފައިހުރި މީހެކެވެ. ކޯވިޑް-19ނޫން އެހެން ބައްޔަކަށް ފަރުވާކުރަމުންދިޔަ މިމީހާ ކަރަންޓީނު ފެސިލިޓީގައި ހުއްޓާ އިތުރުފަރުވާ ދޭންޖެހިގެން އައިޖީއެމްއެޗަށް ބަދަލުކޮށްފައިވެއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓެގް ޓީމްގައި ހިމެނިވަޑައިގަންނަވާ އައިޖީއެމްއެޗުގެ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވީ މަރުވި މީހާއަކީ ކޯވިޑް-19 ޖެހިފައިވާ މީހެއް ނޫންކަމަށެވެ.

އޭނާ މަރުވުމާ ހަމައަށްވެސް މިބައްޔަށް ޝައްކުކުރެވޭ އެއްވެސް ޢަލާމާތެއް ނުފެންނަކަމަށާ، މިހާތަނަށް ހެދި އޭނާގެ ހުރިހާ ޓެސްޓްތަކެއްވެސް ނެގެޓިވްވެފައިވާކަަމށް ޑރ.މޫސާ މުރާދު ވިދާޅުވިއެވެ.

އެއްބުރުގައި އިންޑިއާގެ ކޮޗިން އިން 188 ދިވެހިން، ޓްރިވެންޑްރަމުން 205 ދިވެހިން އަދި އެހެން ބުރެއްގައި ބެންގަލޫރާއި ކޮޗިންގައި ތިބި 159 ދިވެހިން އަނބުރައި ރާއްޖެ ގެނެސްފައިވެއެވެ. މި އެންމެންވެސް ތިބީ ކަރަންޓީން ފެސިލިޓީތަކުގައެވެ. އަދި ބައެއް ބަލިތަކަށް ދިގު މުއްދަތަަކށް ފަރުވާހޯދަމުންދާ ބައެއްމީހުންވެސް މީގެތެރޭގައި ހިމެނެއެވެ.