ކޯވިޑް-19

ކޯވިޑް-19 : ވެމްކޯއިން އާއްމުންނަށް ޑަސްބިން ކޮތަޅު ވިއްކަން ފަށައިފި


ގިނަ ބައެއްގެ އެދުމުގެ މަތިން ވެމްކޯއިން އާއްމުންނަށް ޑަސްބިން ކޮތަޅު ވިއްކަން ފަށައިފިއެވެ.

ވެމްކޯއިން ވިދާޅުވީ، ގޭބިސީތަކުން ކުނި އުކުމަށް ބޭނުންވާ ޑަސްބިން ކޮތަޅަށް އޯޑަރކުރުމުން، އެތަކެތި ޑެލިވަރކޮށްދިނުމުގެ ޚިދުމަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން ޑަސްބިން ކޮތަޅު ބޭނުންވާ ފަރާތްތަކުން، ނަމާއި، ގުޅޭނެ ފޯނު ނަންބަރާއި، އެޑްރެސް އަދި ބޭނުންވާ އަދަދު ޖެއްސެވުމަށްފަހު 7621666 އަށް ވަައިބަރ ކުރެއްވުމަށް އެކުންފުނިން ވަނީ އެދިފައެވެ. އަދި ކޮތަޅަށްވީ ފައިސާ 58275-0000-7730 އަށް ޓްރާންސްފަރ ކުރުމަށްފަހު، ޓްރާންސްފަރ ސްލިޕުގެ ރިމާކްސްގައިވެސް ނަމާއި އެޑްރެސް ޖެއްސެވުމަށްފަހު ސްލިޕްކޮޅު ވައިބަރކުރެއްވުމަށް ވެމްކޯއިން ވިދާޅުވެފައިވެއެވެ.

މި ޚިދުމަތަށް ފައިސާ ބަލައިގަންނާނީ ހަމައެކަނި އޮންލައިންކޮށްކަމަށާއި، އޯޑަރ ދެއްވުމުން، ދެދުވަހާއި ތިން ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގަައި ޑެލިވަރ ކޮށްދޭނެކަމަށް ވެމްކޯއިން މަޢުލޫމާތުދެއެވެ. އަދި މި ޚިދުމަތަށް އެދެވޭނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށްވެސް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

ވެމްކޯއިން ވަނީ ރަމަޟާންމަހު އެކުންފުނީގެ ފަރާތަކުން ޚިދުމަތްދޭނެ ގަޑިތަކަށްވެސް ބަައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން މާލޭ، ވިލިމާލެ އަދި ހުޅުމާލޭގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެވެސް ހެނދުނު 10 ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށެވެ. އަދި ހުކުރު ދުވަހު މެންދުރު 2 އިން ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށް އެތަން ހުޅުވާފައި ހުންނާނެއެވެ. ގޭބިސީތަކުން ކުނި އުކައިދިނުމުގެ ޚިދުމަތް ކޮންމެ ދުވަހެއްގެވެސް މެންދުރު 12 އިން 2 އަކަށް ފޯރުކޮށްދޭނެއެވެ.

ވެމްކޯގެ ކޯރޕަރޭޓް އޮފީހާއި ރީޖަނަލް ހޮފީސްތައް ހުޅުވާފައި ހުންނާނީ ހެނދުނު 10 އިން މެންދުރު 2 ޖެހުމާއި ހަމައަށެވެ. އަދި އެކުންފުނީގެ ކޯލް ސެންޓަރގެ ޚިދުމަތް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10 އިން ހަވީރު 4 އަކަށް އަދި ހުކުރު ދުވަހު މެންދުރު 2 އިން ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށް ލިބޭނެކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން މާލޭގެ މަގުތައް ކުނިކެހުން ކުރިއަށްދާނީ އަންގާރަ ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހެއްގެ ރޭގަނޑު 10 އިން ފެށިގެން މެންދަމު 2 ޖެހުމާއި ހަމައަށެވެ. އަދި ވިލިމާލޭގެ މަގުތައް ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހެއްގެ ރޭގަނޑު 8:30 އިން ފެށިގެން މެންދަމު 1:30 އަށް ކުނިކެހުން ކުރިއަށްދާނެކަމަށްވެސް ވެމްކޯއިން ވިދާޅުވެއެވެ.