ޚަބަރު

ކޯވިޑް-19 : ފުރަބަންދު އުވާލިޔަސް ބަލި ފިލައިގެންދާން ދުވަސް ނަގާނެ، އައު ދިރިއުޅުމެއް ފަށްޓަވާ - ޑޮކްޓަރ އަފްޒަލް


ފުރަބަންދުގެ ޙާލަތު ނިމިގެން ދިޔަނަމަވެސް ކުރިން އަޅުގަނޑުމެން އުޅުނު ދިރިއުޅުމަށް ބަދަލުވާން ވަރަށް ގިނަ ދުވަސްނަގާނެކަމަށާއި، ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން އިލްތިމާސްކުރައްވައިފިއެވެ.

އެސެންޓަރުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ކޯވިޑް-19އާ ގުޅޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ޑޮކްޓަރ ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ، ކޯވިޑް-19 ފެތުރެމުންދާ މިޙާލަތާއެކު ފުރަބަންދު އަބަދު ނުބޭއްވޭނެކަމަށެވެ. މުޅި މުޖުތަމަޢުން ބަލި ފިލައިގެން ނުދިޔަނަމަވެސް، ފުރަބަންދުގެ ޙާލަތު އުވާލާނެކަމަށާ، ނަމަވެސް ކުރިން ދިރިއުޅެމުން އައިގޮތަށް ދިރިއުޅުން ބަދަލުވާން އަދި ވަރަށް ގިނަ ދުވަސްނަގާނެކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. އެހެންކަމުން ކޯވިޑް-19ގެ ޙާލަތަށް ހޭނި މިޙާލަތުގައި ކަންކަންކުރަން ދަސްކުރަންޖެހޭކަން ފާހަގަކުރައްވާ ޑރ.އަފްޒަލް ވަނީ ދިރިއުޅުމަށް ބަދަލުތައް ގެނައުމަށް އިލްތިމާސްކުރައްވާފައެވެ.

""ކުރިއަށް އޮތްތާނގައި ވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ. ކުރިއަށް އޮތްތާނގައި ވިސްނާލަން ޖެހޭ މިކަހަލަ ލޮކްޑައުންއެއް ނިމިގެން ދާއިރު އަދި ވަރަށްގިނަ ދުވަސް ނަގާނެ އާންމު ހާލަތަކަށް ނުވަތަ ކުރީގެ ހާލަތަށް ދާން. ލޮކްޑައުން އިން ނެގުމުން އަޅުގަނޑުމެންނަށް އެނގެން ޖެހޭނެ މި ބައްޔާ އެކު ދިރިއުޅެން" ޑރ.އަފްޒަލް ވިދާޅުވިއެވެ.

ޑރ.އަފްޒަލް ވަނީ މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވުމުން ސާފުތާހިރު ކަމަށް ޚައްޞަ ސަމާލުކަން ދިނުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. ޚާއްސަކޮށް ޑެންގީހުމުން ސަލާމަތްވުމަށް މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރެއްވިއެވެ. ކޯވިޑް-19އިން އަރައިގަންނަން ގިނަ ދުވަސް ނަގާނެތީ، ދިރިއުޅުމަށް އައު ބަދަލުތަކެއް ގެނައުމަށް ޑޮކްޓަރުންދަނީ އިލްތިމާސްކުރައްވަމުންނެވެ.