ޚަބަރު

ކޯވިޑް-19 : މާލެއިން ރަށަށް ދިއުމަކީ މިވަގުތު ކޮށްގެންވާނެ ކަމެއްނޫން


ތަފާތު އެކި ބޭނުންތަކުގައި މާލެއައިސް ރަށްރަށް ނުދެވިތިބި މީހުންވެސް މިވަގުތު ރަށްރަށަށް ދިއުމުގެ ވިސްނުން ނުގެން ގުޅުއްވުމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިމަހުގެ 15 ވަނަ ދުވަހު މާލެއިން ކޯވިޑަށް މީހަކު ޕޮޒިޓިވްވުމާއިއެކު މާލެ ސަރަހައްދު ފުރަބަންދުކޮށް ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުންވަނީ އަޅާފައެވެ. މިފިޔަވަޅުތަކާއިއެކު 17 ވަނަ ދުވަހު ވަނީ މާލެ ސަރަހައްދު އިތުރު 14 ދުވަހަށް ފުރަބަންދުކޮށްފައެވެ. ކުއްލިއަކަށް މާލެ ސަރަހައްދު ފުރަބަންދުކުރުމާއި ގުޅިގެން އަތޮޅުތަކުން ތަފާތު އެކި ހިދުމަތްތައް ހޯދުމަށް އައިސް މާލޭގައި ތިބި ބައެއް މީހުން ވަނީ ރަށަށް ނުދެވި މާލޭގައި ތަށިވެފައެވެ.

ރަށަށްނުދެވި މާލޭގައި ތިބެންޖެހުމުން ގިނަބަޔަކަށް މިކަމުގެ ދަތިކަންވަނީ ކުރިމަތިވެފައެވެ. ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ މިހާލަތުގައި ވަރަށް ދަތިހާލުގައި ބައެެއް މީހުން ތިބިކަން އިޚްސާސްކުރެވޭކަމަށެވެ. ނަމަވެސް މިބަލީގެ ގޮތުން މާލެއިން ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަ ދިނުމަކީ ކުރެވޭނެކަމެއްނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮންމެހެން ރަށަށް ނުގޮން ކަންކަން ހަމަނުޖެއްސޭ މީހުންވެސް ރަށަށް ފޮނުވާލުމުގެ ހުއްދައެއް ދެވޭނީ ވަރަށްގިނަ ކަންކަމަށް ބަލައި ވަރަށް މަދު ހާލަތެއްގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގެ އެންމެ ނުރައްކާތެރިކަމަކީ ރަށަށްދާން ބޭނުންވެފައި ތިބި މީހުންނާއި މާލެއިން ދިމާވި މީހުންނަށް ބަލިޖެހިފައި ނުވާކަން ކަށަވަރުނުވުންކަމަށާ، އެހެންކަމުން ރަށްރަށަށްދާ މީހެއްގެ ކިބައި ބަލިޖެހި ރަށްރަށަށް ބަލި ފަތުރުމުގެ ފުރުޞަތު ކުޑަކުރުމަކީ މިވަގުތު ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާލަތުގައި ހުރިހާ ރައްޔިތުންވެސް ޚާއްސަކޮށް މާލޭގައި ތިބި އެކި ރަށްރަށުގެ ރައްޔިތުން ވަރަށްބޮޑަށް ކެތްތެރިކަން އިސްކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިހާރު ރާއްޖެ އޮތް ހާލަތުން އަރައި ގަނެވޭނީ ބަލި ފަތުރެން އޮތް ހުރިހާ މަގެއް ބަންދުކޮށްގެންކަމުން މިމަސައްކަތުގައި އަދިވެސް ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މާލެ ސަރައްޙަދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ޚާއްޞަ ފިޔަވަޅެއްގެ ގޮތުން މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން ޒަރޫރީ ބޭނުމެއްގައިވެސް ހުއްދަ ނެތި މާލެ، ވިލިމާލެ، ހުޅުމާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ މަނާކަމެކެވެ.