ޚަބަރު

ކޯވިޑް-19 : "މި ވަޅުގަނޑުން އަރައިގަނެވޭނެކަމުގެ އުންމީދު ބޮޑު"


ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް މިހާރު ކުރިމަތިވެފައިމިވާ އަނދަވަޅުން އަރައިގަތުމުގެ އުންމީދުބޮޑުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ޠައްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

މިޙާލަތުން އަރައިގަނެވޭފަހުން ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލާނީ ޚާއްސަ ވަކި ފިޔަވަހިތަކަކަށް ބަހާލައި އެ ފިޔަވަހިތަކާއެކު އެކަށީގެންވާ ގޮތުގައި މިސިނާޢަތް ތަރައްޤީކުރެއްވުމަށް އިސްކަންދެއްވައިގެންކަމަށް ޠައްޔިބު ވިދާޅުވިއެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)އިން އިންތިޒާމުކޮށްގެން ސިލްސިލާގޮތެއްގައި ބާއްވާ "ސައުތް އެޝިއަން ޑިޖިޓަލް ޓްރެވަލް ކޮންވަޒޭޝަން"ގައި ވާހަކަފުޅުދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވޭތުވެދިޔަ 20 އަހަރުދުވަހުގެ ތެރޭގައި ބޮޑެތި ލޮޅުންތަކެއް އަރާފައިވާކަމަށެވެ. އެހެންނަމަވެސް މިއިން ކޮންމެ ލޮޅުމަކުންވެސް ރާއްޖެ ކާމިޔާބުކަމާއެކު އަރާގެންފައިވާއިރު، މިފަހަރުގެ މިޙާލަތުން އަރައިގަތުމުގެ އުންމީދުވެސް ބޮޑުމަށް ޠައްޔިބު ވިދާޅުވިއެވެ.

2004ވަނަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް އެރި ސުނާމީގައި ރާއްޖޭގެ އިޤްތިޞާދަށާއި، އުމްރާނީ ތަރައްޤީއަށް ބޮޑެތި ގެއްލުންތަކެއްވެ ގިނަ ރިސޯޓްތަކެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވިކަން ތައްޔިބް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އިޤްތިޞާދީ އެ ވަޅުގަނޑުން، އަރައިގަނެ 2006ވަނަ އަހަރު ރާއްޖެއިން ފަތުރުވެރިކަމުގެ ދާއިރާގައި %52 އިންސައްތައިގެ އިތުރު ކުރިއެރުމެއް ހޯދުމަކީ މިފަދަ ޙާލަތްތަކުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުވުމުގައި ރާއްޖެއިން މީގެކުރިން ކޮށްފައިވާ މަސައްކަތުގެ ނަޖީޖާ ފެނުނުލެއް އަވަސްކަން ހާމަކޮށްދޭކަމެއްކަމަށެވެ. މީގެ އިތުރުން 2008 އަދި 2009ގައި ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ކާރިސާގެ ބޮޑު އަސަރެއް ރާއްޖެއަށް ކުރިއިރު ޖެހިގެން އައި އަހަރު ރާއްޖެއިން އަނބުރައި މާކެޓަށް ނިކުމެ %21ގެ ކުރިއެރުމެއް ހޯދާފައިވާކަން ޠައްޔިބު ފާހަގަކުރެއްވިއެވެ.

"ސުނާމީގައި %51ގެ ރިކަވަރީ ދެއްކި 2006ގައި. 2008 އަދި 2009ގައި ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ކާރިސާގެ ބޮޑު އަސަރެއް ރާއްޖެއަށް ކުރިއިރު ޖެހިގެން އައި އަހަރު ރާއްޖެއިން އަނބުރާ މާކެޓަށް ނިކުމެ %21ގެ އިތުރުވުމެއް ހޯދި." ޠައްޔިބު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ޖޫންމަހު ހުޅުވާލާއިރު، މި މަސައްކަތް ކުރާނީ ވަކިވަކި ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށް ޠައްޔިބު ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ޑޮމެސްޓިކް އޮޕަރޭޝަންތައް ހަރުދަނާކޮށް އެއަށްފަހު ވިޔަފާރި ދަތުރުތަކަށް ޙާއްސަ އިސްކަމެއް ދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެއަށްފަހު އާންމު ފަތުރުވެރިންގެ އިތުބާރު ލިބުމުން އެފަދަ ފަތުރުވެރިން ގެނައުމުގެ މަސައްކަތްވެސް ފަށްޓަވާނެކަމަށް ޠައްޔިބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރުގެ ހާލަަތުގެ ސަބަބުން ބަޖެޓް އެއަރލައިންތައް ބަނގުރޫޓްވެފައިވުމުން މިކަމުގެ އަސަރުކުރާނެކަމަށް ބަލައި މިކަންކަމަށް ވިސްނާފައިވާކަމަށެވެ.

އަދި ހުރިހާ ސްޓޭކް ހޯލްޑަރުން ހިމެނޭހެން ރިކަވަރީ ޕޮލިސީއެއް ޤާއިމުކުރުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. މިރިކަވަރީ ޕްލޭންގައި އައު ވިސްނުން ގެންގުޅެންޖެހޭއުރު، މިފަހަރު ޕްލޭންކުރާއިރު ރާއްޖޭގެ ފަތުރުވެރިކަމުގައި ނުކުޅެދުންތެރިކަން ހުރި މީހުންނަށް ފަތުރުވެރިކަމުގެ ދާއިރަގެ ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުންހިފޭނެ އިންތިޒާމު ހަމަޖައްސަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަކިވަކި މަޢުޟޫއެއް ނަގައިގެން ކުރިއަށްގެންދާ މިބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުމުގެ މަޢުޟޫއަކީ، "ދެކުނު އޭޝިއާގެ ޤައުމުތަކުގެ ޓްރެވަލް ޓްރޭޑް ދާއިރާ އަލުން ބިނާކުރުން" މިމަޢުޟޫއެވެ. މިބައްދަލުވުމުގެ މޮޑަރޭޓަރެއްގެ ގޮތުން ހަރަކާތްތެރިވެވަޑައިގަންނަވާފައިވަނީ، ސަޓާ އެވޯޑްސްގެ ނައިބު ރައީސް ސޫރަޖް ޚާނެވެ.