ޚަބަރު

ކޯވިޑް-19 : "އަންނަމަހުގެ ކުރީކޮޅު 18 ވެންޓިލޭޓަރު ރާއްޖެ ގެނެވޭނެ"


އަންނަމަހުގެ ކުރީކޮޅު 18 ވެންޓިލޭޓަރު ރާއްޖެ ގެނެވޭނެކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، އަންނަމަހު ގެންނަ 18 ވެންޓިލޭޓަރު ގެންނަނީ މެޑިޓެކްގެ ފަރާތުންކަމަށެވެ. މިއީ ވެންޓިލޭޓރު ގެނައުމަށް ސަރުކާރުން އެވޯޑްކުރި ކުންފުނިތަކުގެތެރެއިން އެއް ކުންފުންޏެވެ.

135 ވެންޓިލޭޓަރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން 50 ވެންޓިލޭޓަރު ގެނައުމަށް އެއް ކުންފުންޏަކާ، އަދި 20 ވެންޓިލޭޓަރު ގެނައުމަށް އެހެން ކުންފުންޏަކާ ހަވާލު ކުރައްވާފައިވެއެވެ. މީގެ އިތުރުން ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު 65 އައިސީޔޫ ސްޓޭޝަނަރީ ވެންޓިލޭޓަރާއި 10 ޕޯޓެބަލް ވެންޓިލޭޓަރު ގެނައުމަށް ހަމަޖެހިފައިވާކަމަށްވެސް މަބްރޫކް ވިދާޅުވެފައިވެއެވެ.

މާލެއާއި އަތޮޅުތަކުގައި ބަލިމީހުންނަށް ފަރުވާދިނުމަށް މިވަގުތު ރާއްޖޭގައި ހުރީ 97 ވެންޓިލޭޓަރެވެ. އަދި މިހާތަނަށް 6 ވެންޓިލޭޓަރު ރާއްޖެ ގެނެސްފައިވާއިރު އޭގެ ތެރެއިން 4 ވެންޓިލޭޓަރު ޚާއްޞަކޮށްފައިވަނީ ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާދިނުމަށެވެ. 6 ވެންޓިލޭޓަރު ގެނައުމަށް 1.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.