ޚަބަރު

ކޯވިޑް-19 : ޞިއްޙަތު ސަލާމަތްކުރުމުގައި ފަރުދީ ޒިންމާ


ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެއަށް މިވަނީ ހާސްކަމާއި ބިރުވެރިކަން ކުރިމަތިވެފައެވެ. މި ބައްޔަކީ މީގެކުރިން ދުވަހަކުވެސް ދުނިޔެއާ ކުރިމަތި ނުވާހާ ހަލުވިކަމާއެކު ފެތުރެމުންދާ ބައްޔެކެވެ. މިބަލިން ރައްކާތެރިވެ، ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ޞިއްޙީ މާހިރުން ގެންދަވަނީ ކެނޑިނޭޅި އިރުޝާދު ދެއްވަމުންނެވެ. އެ އިރުޝާދަށް ތަބާވެގެން މެނުވީ އަޅުގަނޑުމެންނަށް މި ނާޒުކު ޙާލަތުން އަރައިގަތުމަކީ ފަސޭހަކަމެއް ނޫނެވެ.

ޞިއްޙަތާއި ދުޅަހެޔޮކަމާ ނުލައި އަޅުގަނޑުމެންނަށް ދިރިއުޅުމުގެ ހަރުފަތްތައް ގިރާކުރުމަކީ ދަތި އުނދަގޫކަމެކެވެ. ޤައުމުތައް ތަރައްޤީވެ ކުރިއަރާފައިވަނީ އެޤައުމުތަކުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި ހަށިހެޔޮކަމާއެކު އެ ޤައުމުތަކުގެ މަސައްކަތްތެރިންގެ ބުރަ މަސައްކަތުންނެވެ. ހެލިފެލިވެއުޅެ، ޢަޒުމާއެކު ނެރުނު ބުންވަރުންނެވެ. ދުނިޔޭގެ އުފަލާއި އަރާމާއި، ހިތްހަމަޖެހުމާއި ފާގަތިކަމުގެ މީރުކަން، ބަލިމަޑުކަމާއި ނުރައްކާތެރި ވަބާތަކުގެ ތެރެއިން ނުލިބޭނެކަމީ ދުނިޔެ ދައްކަމުންދާ ޙަޤީޤަތެކެވެ. ކޯވިޑް-19 އިންވެސް އަންގައިދެނީ ހަމަ މި ޙަޤީޤަތެވެ.

ފުރިހަމަ ޞިއްޙަތެއް ލިބުމާއެކު ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަކީ އިންސާނާގެ ޙަޔާތުގައި ލިބޭނެ އެންމެ ބޮޑު ނިޢުމަތެވެ. އެއީ އިންސާނާގެ ހިތްވަރާއި ޢަޒުމުގެ މައިނާރެވެ. ޤައުމުތަކުގެ ސަރުކާރުން ޞިއްޙީ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ހޭދައެއްކޮށް، ވަސީލަތްތައް ޤާއިމުކުރަމުންދަނީ މިހެންވެގެންނެވެ. ޚާއްޞަގޮތެއްގައި މާތްވެގެންވާ އިސްލާމް ދީނުގައި ޢާންމު ޞިއްޙަތަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވާކަން ސާބިތުވެއެވެ.

ޞިއްޙަތު ސަލާމަތުން ތިބުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމުކަމަކީ ސާފުތާހިރުވުމެވެ. ކީރިތި ރަސޫލާ މުޙައް،މަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީސް ބަސްފުޅެއްގެ މާނާގައި ވެއެވެ. " ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ". ވުޟޫނެތް މީހާގެ ނަމާދު ޞައްޙަ ނުވާކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގެއެވެ. އިސްލާމްދީނުގައި ސުންނަތް ހިނެއުމާއި ވާޖިބު ހިނެއުން ޝަރުޢު ކުރައްވާފައިވުމުން، ސާފުތާހިރުކަމަށް އިސްލާމްދީން ބާރު އަޅާ މިންވަރު ހާމަވެއެވެ.

ހަށިގަނޑާއި ފޭރާމާއި، މީހުން ދިރިއުޅޭ ތަންތަން ސާފުތާހިރުކޮށް ބޭއްވުމަށް އިސްލާމްދީން ނުހަނު ބާރުއަޅައެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވެ ތިބުމަށް އެޅެންއޮތް އެންމެ މުހިއްމު ފިޔަވަޅަކީ ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުންކަން ޞިއްޙީ މާހިރުން ދަނީ ހާމަކުރައްވަމުންނެވެ. އަތުގެ ޒަރިއްޔާއިން ކޮރޯނާ ވައިރަސް ފެތުރުމަށް މެދުވެރިވާކަންވަނީ ހާމަކުރައްވާފައެވެ. ހަމަމިއާއެކު، އަތް ނުދޮވެ ކައިބޮއި ހެދުމުން، ބަލިޖައްސާ ޖަރާސީމުތައް ހަށިގަނޑުގެ ތެރެއަށް ވަންނާނެކަން ޢިލްމީ ދިރާސާތަކުން އެނގެއެވެ.

ބަލިތަކުން ސަލާމާތްވެ ފުރިހަމަ ޞިއްޙަތެއްގައި ތިބުމަށް ފަރުދީ ޒިންމާ އަދާކުރަންޖެހެއެވެ. ތިމާ ދިރިއުޅޭ މުޖްތަމަޢުގެ ޙައްޤުތައްވެސް ރައްކާތެރިކުރެވޭނީ އޭރުންނެވެ. ފަރުދުންގެ ޙައްޤުތަކުގެ އިތުރުން ޖަމާޢަތުގެ ޙައްޤުތައް ރައްކާތެރިކުރުމަށް އިސްލާމްދީން ބާރުއަޅައެވެ. ނުހިނގާ ފެންގަނޑު ފަދަ ތަންތަނަށް ކުޑަކަމު ނުވަތަ ބޮޑުކަމު ނުދިއުމަށާއި އެފަދަ ތަންތަނަށް ނަޖިހާއި ހަޑިމުޑުދާރު އެއްޗެހި އުކާ ނުލުމަށް އިސްލާމްދީން އަމުރުކުރެއެވެ. މިކަމުން ދޭހަކޮށްދެނީ އަޅުގަނޑުމެންގެ ޞިއްޙީ ޙާލަތު ރަގަޅުގޮތުގައި ދެމެހެއްޓުމަށްޓަކައި، ފެން ހަޑިމުޑުދާރު ނުކޮށް ބެލެހެއްޓުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމެވެ. މިދުވަސްވަރަކީ ވިއްސާރަ މޫސުމަކަށްވުމާއެކު، ފެން ހަރުލާގޮތަށް ހުންނަ ތަންތަން ސާފުކޮށް، ފެން ހަރުލާ ޒާތުގެ ތަކެތި ނައްތާލުމަށް ޞިއްހީ އެހީތެރީން އެގެންދަވަނީ އިރުޝާދު ދެއްވަމުންނެވެ.

ޑެންގީ ހުން ފަދަ ބަލިބައްޔަކީ މަދިރީގެ ސަބަބުން ފެތުރޭ ބަލިތަކަށްވުމާއެކު މިގޮތަށް ޢަމަލުކުރުމަކީ މުހިންމުކަމެކެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް، ޞިއްޙީ ދާއިރާގެ ވަޞީލަތްތައް ބޭނުންކުރެވެމުންދާ ދަނޑިވަޅެއްގައި، ޑެންގީ ހުންފަދަ ބައްޔެއް ރާއްޖޭގައި ފެތުރެން ފަށައިފިނަމަ، އެ ވަޞީލަތްތަކުގެ ބަޑު ބައެއް މިކަމަށްވެސް ބޭނުންކުރަންޖެހިދާނެއެވެ. އެހެންވެއްޖެނަމަ، އަޅުގަނޑުމެންގެ ޞިއްޙީ ނިޒާމަށް އޮބިނޯންނަވަރަށް އެތައް ކަމެއް ކުރިމަތިވެދާނެއެވެ. މިއީ އަޅުގަނޑުމެންގެ މި ދިވެހި އިސްލާމީ މުޖްތަމަޢުގައި ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ޢާންމު ތަންތަނަށާއި މަގުމަށްޗަށް ކުޅުޖެހުމާއި ރޯގާޖެހިފައިވާ މީހުން ބޭރަށް ނުކުމެ އުޅުމަކީ، މުޅި މުޖުތަމަޢަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރާނެ، ޞިއްޙީ ރަގަޅު އާދަތަކާ ދުރު ކަންކަމެވެ.

ސާފުތާހިރުކަމަށް ލޯބިކުރުމަކީ ސިއްޙީ ރިވެތި އާދައެކެވެ. އިޖްތިމާޢީ އަގެކެވެ. އަޅުގަނޑުމެންގެ މިކުޑަ ކުޑަ ދިވެހިރާއްޖެއަކީ ސަފުތާހިރުކަމަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅެމުން އައިސްފައިވާ ޤައުމުކެވެ. މިރިވެތި އާދަ ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ ފަރުދީ ޒިންމާއެކެވެ. ހުސްކުރާ ޖޫސްޕެކެޓްތަކާއި، ދަޅު ފުޅި ފަދަ ތަކެތި މަގުމައްޗަށް އުކާލާ ހެދުމަކީ މަގުތައް ހަޑިވެގެންދާނެ ކަންކަމެވެ. ގޭގެއިން ނެރޭ ކުނިކޮތަޅުތައް އުކާލުމަކީ މަގުތައް ގޮނޑުވެގެންދާނެ ކަމެކެވެ. އަރިދަފުސް ފޮޅަން ބޭނުންކުރާ ރުމާލާއި ޓިޝޫ ފަދަތަކެތި ރައްކާތެރިކަމާއެކު ނައްތާނުލެވޭނަމަ، އެކަމުގެ ސަބަބުން އެތައް ބަޔަކަށް ބަލިފެތުރެން މެދުވެރިވާނެއެވެ. މިފަދަ ކަންކަމުން ދުރުހެލިވުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއަކަށް ހަދަންޖެހެއެވެ.

އެހެން މީހުންނަށް އުނދަގޫވާ ޒާތުގެ ކަންކަން ކުރުމަކީ އިސްލާމްދީން މަނާކުރާ ކަންކަމެވެ. ހަމައެހެންމެ، ސާފުތާހިރުކަމަށް ލޯބިކުރާ ރައްޔިތެއްގެ ކިބައިން އެފަދަ ނާތަހުޒީބީ ޢަމަލެއް ފެނިގެން ނުދާނެއެވެ. ސާފުތާހިރުކަމުގެ ރިވެތި ސިފަތައް އަށަގަންނުވައި، މިލޮބުވެތި ވަޠަނުގެ ސަލާމަތާއި ރައްކާތެރިކަށްޓަކައި ޒިންމާދާރު އުސޫލުތައް އަޅުގަނޑުމެންގެ މުޖްތަމަޢު އަށަގެންނެވުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެއްކަމުގައި ހަދަމާތޯއެވެ؟

ބަލިމަޑުކަމަކީ އިންސާނުން އިމްތިޙާނުކުރެއްވުމަށްޓަކައި މާތް ﷲ ކުރިމަތިކުރައްވަވާ ކަންކަންކަމުގައި ދީނީ ޢިލްމުވެރިން ހާމަކުރައްވައެވެ. ނަމާދުކޮށް ޤުރުއާން ކިޔެވުމާއި ހެނދުނާއި ޙަވީރުގެ ޒިކުރުތައް ފަދަ ދީނީގޮތުން އައިސްފައިވާ ސަބަބުތަކުގައި ހިފައި ބަލިން ރައްކާތެރިވުމަށް މަސައްކަތްކުރަންޖެހެއެވެ. ބަލިވެއްޖެނަމަ ބޭސް ފަރުވާ ކުރަންޖެހެއެވެ. ބައްޔެއް ފެތުރެމުންދާނަމަ، އެބައްޔެއް ކޮންޓްރޯލްކުރުމަށް ހޯދިފައިވާ ވެކްސިނާއި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހެއެވެ. ކޯވިޑް 19 ފަދަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރެމުންދާއިރު، ގޭގައި މަޑުކުރަންޖެހެއެވެ. ޞިއްޙީ މާހިރުންނާއި ޢާންމު ޞިއްހަތާބެހޭ އިދާރާތަކުންދޭ އިރުޝާދުތަކަށް ތަބާވެ، ބޯލަބަންޖެހެއެވެ. މާތް ﷲގެ ރަޙްމަތުން ނާއުއްމީދުވުމެއް ނެތެވެ. ޝިފާދެއްވުން އެދި މާތްﷲއަށް ދުޢާ ދަންނަވާށެވެ.