ޚަބަރު

ކޯވިޑް-19 : މާލެ ސަރަހައްދުން ރެންޑަމް ސާމްޕަލް ނަގަން ފަށައިފި


މުޖުތަމައުގެ ތެރޭގައި ކޯވިޑް-19 ފެތުރި ބަލި ކޮންޓްރޯ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ރެންޑަމްކޮށް ސާމްޕަލްތައް ނަގަން ފަށާފައިވާކަމުގައި ޓެގްޓީމްގެ ޑޮކްޓާރ ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މާލޭގައި ބަލި ފެތުރެމުންދާ ގޮތާއި ބަލި ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ވާހަކަ ދައްކަވަމުން ޑރ.އަފްޒަލް ވިދާޅުވީ ބަލި ދެނެގަތުމަށްޓަކައި، ރެންޑަމްކޮށް ނަގަމުންދާ ސާމްޕަލްތަކަކީ އެއްވެސް އަލާމާތެއް ހުރެގެން ނުވަތަ ވަކި ރިޕޯޓެއް ލިބިގެން ނަގަމުންދާ ސާމްޕަލްތަކެއް ނޫންކަމަށެވެ.

ސާމްޕަލްތައް ނަގަމުންދަނީ މާލެ ސަރަހައްދަށް ޚާއްސަކޮށްގެންކަމަށާއި، މިއަދު ވިއްސާރަ ވުމުގެ ސަބަބުން، ނެގިފައިވަނީ 25 ސާމްޕަލެއްކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. ނަމަވެސް މާދަމާވެސް ރެންޑަމްކޮށް މަގުމަތިން ސާމްޕަލްތައް ނެގުމަށް ހަމަޖެހިފައިވާކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ރެންޑަމްކޮށް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ތަންތަން:
- ބާޒާރުމަތި
- ކަންމަތީ ފިހާރަތައް
- ފެރީޓާމިނަލްތައް
- މަގުމަތިން

މިތަންތަނުން ސާމްޕަލްތައް ނެގުމުގައި ހައިރިސްކް ގްރޫޕްތައް ހިމެނޭ ސަރަހައްދުތަކަށާއި މިހާތަނަށް ބަލި ފެތުރިފައިވާ ގޮތަށް ބަލައި ސާމްޕަލްތައް ނެގުމަށް އިސްކަން ދީފައިވާކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން އެކި މުވައްސަސާތަކުންވެސް ދަނީ މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލޭގައި ތޮއްޖެހިގެންއުޅޭ މީހުން ދެނެގަތުމަށް ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރެއިން 837 މީހަކު ދިރިއުޅެމުންދިޔަ 18 ތަނެއް ވަނީ މޮނިޓަރިންގެ ހާލަތަކަށްވެސް ގެންގޮސްފައެވެ.