ޚަބަރު

ކޯވިޑް-19 : ބަލިޖެހުނު މީހުންގެ ތެރޭގައި 12 އަހަރުން ދަށުގެ 35 ކުޑަކުދިން


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވި 250 މީހުންގެ ތެރޭގައި 12 އަހަރުން ދަށުގެ 35 ކުޑަކުދިން ހިމެނޭކަމަށް ކޯވިޑް-19އާ ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ޑޮކްޓަރ އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އުމުރުފުރާއަށް ބަލާއިރު، އެންމެ ގިނަބަޔަކު ޕޮޒިޓިވްވެފައިވަނީ 12 އަހަރާއި 50 އަހަރާއި ދެމެދުގެ ޢުމުރުފުރާއިންކަމަށެވެ. މި ޢުމުރުފުރާތަކުގައި 144 މީހަކަށްވަނީ ބަލިޖެހިފައެވެ. މިބަލީގައި އެންމެ ރިސްކު ބޮޑުކަމަށް ބެލެވޭ ޢުމުރުން ދުވަސްވީ މީހުންގެ ތެރެއިން ބައްޔަށް މިހާތަނަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދަނީ 2 މީހަކަށެވެ. އަދި އެންމެ ތުއްތު ޢުމުރުގެ ގޮތުގައި ބަލާ 12 އަހަރުން ދަށުގެ 35 ކުއްޖަކު ޕޮޒިޓިވްވެގެން ފަރުވާދެމުންދާކަމަށް މިރޭގެ ޕްރެސް ކޮންފަރެންސްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.

ޑޮކްޓާ ވިދާޅުވީ މިހާތަނަށް ބަލިޖެހިފައިވާ އެންމެގެވެސް ހާލު ރަނގަޅުކަމަށެވެ. އަދި އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާ އެންމެންގެ ޙާލުވެސް ރަނގަޅުކަމަށެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޝައްކުކުރެވިގެން 7623 ސާމްޕަލެއް ނަގާފައިވާކަމަށްވެސް އެޗްޕީއޭއިން ހާމަކުރައްވައެވެ.

މާލެއިން މިއަދު ޕޮޒިޓިވްވި 21 މީހުންނާގުޅިގެން އިތުރު ކޮންޓެކްޓް ޓްރައިސިން ހަދަން ޖެހިފައިނުވާކަމަށް ޑޮކްޓާ ވިދާޅުވިއެވެ. އަދި މިއެންމެނަކީވެސް މީގެކުރިން ފާހަގަކުރެވިފައިވާ ކްލަސްޓާތަކާ ގުޅުންހުރި މީހުންކަން ޑޮކްޓަރު ފާހަނގަކުރެވިއެވެ.