ޚަބަރު

ކޯވިޑް-19 : އެންމެ ހިތްދަތި ވަގުތުގައިވެސް ސިފައިންގެ ނުގުޑާ ޢަޒުމް


ރާއްޖެއިން ކޯވިޑް-19 ފެނުނީ މާރޗްމަހުގެ 7ވަނަ ދުވަހުއެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކަލުގެ ބިރުވެރިކަން އެއްދުވަހުން އަނެއް ދުވަހަހަށް ރާއްޖޭގައިވެސް ދަނީ އިރުވަމުންނެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުނުތާ ބުދަދުވަހުގެ ނުޔަލަށް މިވީ 53 ދުވަހެވެ. މިދުވަސް ވެގެން މިދިޔައީ ރާއްޖެއަށް ހިތްދަތިކަމާއި މޮޅިވެރިކަން ގެނުވިދުވަހަކަށެވެ. ޞިއްޙީ ޚިދުމަތްތެރިންނާއި ކަމާ ގުޅުންހުރި ބޭފުޅުންގެ ބަސް ހުއްޓި އިސްޖަހާލަން ޖެހުނު ދުވަހަކަށެވެ. ކޯވިޑް-19ގެ މިނުރައްކާތެރި ޙާލަތުގައި ޤައުމު އެންމެ ދެކެން ބޭނުންނުވި ދުވަސް މިއަދު މިއޮތީ އައިސްފައެވެ. ކޯވިޑް-19 ބަލީގައި ދިވެއްސަކު ފުރަތަމަ ފަހަރަށް ދުނިޔެދޫކޮށް މާތްﷲގެ ޙަޟުރަތަށް ދަތުރުކޮށްފިއެވެ. އެއީ ޢުމުރުން 83 އަހަރުގެ އާމިނަތު އާދަމެވެ. މާތްﷲ އެމަރުޙޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ.

ދީނީ އިލްމުވެރިންނާއި، ޞިއްޚީ ބޭފުޅުންގެ ލަފަޔާއެކު މަރުހޫމާ އައިމިނަތު އާދަމް ވަޅުލާފައިވަނީ ރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ޚާއްސަ ޕްރޮޓޮކޯލްއެއްގެ ތެރެއިންނެވެ.

ކޯވިޑް-19އާ ގުޅިގެން ދުނިޔޭގެ ހުރިހާ ޤައުމެއްގައިހެން މިހިތްދަތި މަންޒަރު ދަނީ ފެންނަމުންނެވެ. އެންމެ ހިތްދަތި ވަގުތަކީ މިބަލީގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށްގެންދާގޮތެވެ. ޖަނާޒާގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު މާގިނަބަޔަކަށް ނޯވެއެވެ. އަދި ގިނަބަޔަކު އެކަމުގައި ބައިވެރިވުމަކީ މިޙާލަތުގައި ނުރައްކާތެރިކަމެއްވެސް މެެއެވެ.

މަރުހޫމާ އާމިނަތު އާދަމް ހިނެއުމާއި ވަޅުމުގެ އެންމެހައި ކަންކަން ކޮށްފައިވަނީ ދިވެހި ސިފައިންގެ ތެރެއިން މިކަމަށް ޚާއްސަ ތަމްރީންތަކެއް ދީފައިވާ އަންހެން ސިފައިންނެވެ. ހިނެއުމުގައި ހަރަކާތްތެރިވި ސިފައިންގެ ޚާއްސަ ޓީމަކީ މިކަމުގެ ތަމްރީން ދީފައިވާ ބަޔެކެވެ. މިޙާލަތުގައި ޚާއްސަކޮށް ކޯވިޑް-19 ބަލީގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށްގެންދާނެގޮތުގެ ތަމްރީން ސިފައިންނަށްވަނީ ދުރާލައި ދީ ތައްޔާރުކުރުވާފައެވެ.

އެހެންނަމަވެސް މިއީ ސިފައިންނަށްވެސް ދަތި އުނދަގޫ ވަގުތެކެވެ. އަމިއްލަ ފުރާނައަށް ބެލުމެއްނެތި މިޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި ސިފައިންތިބީ އެންމެ ކުރީސަފުގައެވެ. ކޯވިޑް-19އަކީ ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހަކީ ހަަމަ ކޮންމެ މީހަކަށްވެސް އޮތް ބިރުވެރި ނުރައްކަލެއްކަން ދެނެތިބެ އެނުރައްކަލުގެ ކުރިމައްޗަށް ސިފައިން ނުކުތީ ވަރުގަދަ ޢަޒުމެއްގައެވެ. މިޤައުމުގެ ދިފާޢީ އައްޑަނައަކީ ތިމަންނާމެންގެ ފުރާނައޭ ބުނާބުނުން ތަކުރާރުކުރަމުންނެވެ. މި ހިތްވަރުގަދަ އަބްޠާލުންގެ ސަފުތަކައި ޖިންސީ ތަފާތެއް ނެތެވެ. ރައްޔިތުންގެ ކެއިންބުއިމަށް ބޭނުންވާ ތަކެތި ޑެލިވަރީކުރުމާއި، ބަރު ބޮޑެތި ބަސްތާތަށް އުފުލުމާއި ނުރައްކާތެރި މާޙައުލުތަކަށް ޖެހިލުމެއްނެތި ވަދެ ކުރަންޖެހިއްޖެ ކޮންމެ ކަމެއްކުރުމާއި، ކަރަންޓީނު ފެސިޓީތައް ބިނާކުރުންފަދަ އެތައްކަމަކުން އަންހެން ސިފައިންވެސް ފެންނަނީ ވަރުގަދަ ފަހުލަވާލުންގެ ގޮތުގައެވެ.

މިހިތްދަތި ވަގުތުގައި ސިފައިންގެ މިދެންނެވިފަދަ އެތައް ފަހުލަވާލުންނެއްވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މި ޙާލަތުގައި އަޅުގަނޑުމެން ހިތްވަރު ލިބޭ އެއްކަމަކީ ކޯވިޑް-19އަށް ޕޮޒިޓިވްވި ސިފައިންގެ ހިތްވަރުގަދަ ބަސްތަކެވެ. އެމީހުން ބުންޏެވެ. މިބަލިން ރަނގަޅުވުމާއެކު އަނެއްކާވެސް އަހަރެމެން ނުކުންނާނީ ޤައުމީ ޚިދުމަތަށެވެ. ރައްޔިތުންގެ ދިފާޢުގައި ކުރަންޖެހުނު ކޮންމެކަމެއް ކުރާށެވެ.

ކޮންމެއަކަސް ޞިއްޙީގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައްވެސް ސިފައިނަވަނީ މިހާރު އިތުރަށް ވަރުގަދަކޮށްފައެވެ. ކޯވިޑް-19ގެ ބަލީގައި މަރުވި އާމިނަތު އާދަމް ހިނަވައި، ކަފުންކޮށް ވަޅުމުގައި ސިފައިންގެ ކަނބަލުންތިބީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިގެންނެވެ.

ދިވެހި ސިފައިންގެ މިޤުރްބާނީ ޚިދުމަތަށް ޝުކުރާއި ތަޢުރީފުކުރުމަކީ އަޅުގަނޑުމެންގެ ޤައުމީ ވާޖިބެކެވެ. ސިފައިންގެ އިސްވެރިންނާއި ސިޔާސީ ބޭފުޅުންނާއި ޢާއްމުރައްޔިތުން ދަނީ ސިފައިންނަށް ޝުކުރު އަދާކުރަމުންނެވެ. ޗީފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް ކުރެއްވި ޓްވީޓެއްގައި ވަނީ ކަށުކަމާއިކެމީގެ ކަންކަން ކުރެއްވި ޖަމާޢަތްތެރިންގެ މަސައްކަތް ނުހަނު ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށެވެ. އަދި ސިފައިންގެ ތެރެއިންވެސް ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ވަގުތެއްގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަމުގައި ކުޑަވެސް މަޑުޖެހުމެއް ނައިސް ސާބިތުކަމާއެކު ސިފައިން ތިބޭނެކަމުގެ ޔަޤީންކަންދެއްވާ ކަމަށް ޗީފް ވިދާޅުވެފައެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައިވަނީ ސިފައިންގެ ތެރެއިން ގިނަ ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށްވެސް ޤައުމު އެދި ގޮވާލި ކޮންމެ ކަމެއްގައި ސިފައިން ގެންދަނީ ޤައުމީވާޖިބު އަދާކުރައްވަމުންކަމަށެވެ.

ދިވެހި ސިފައިންނަކީ ޤައުމީ ހިދުމަތުގައި އަބަދުވެސް އެންމެ ފަހުމީހާއާއި ހަމަޔަށް މަސައްކަތް ކުރުމުގެ މަތިވެރި އަޒުމުގައި ހިތްވަރާއި ޖޯޝާއިއެކު މަސައްކަތްކުރާ ބައެކެވެ. ޤައުމަށް ދިމާވި ކޮންމެ ހިތްދަތި ވަގުތެއްގައި ސިފައިންވަނީ އެމީހުންގެ ހަށިގަނޑާ ފުރާނައިން ޤުރްބާންވެ މިޤައުމު ސަލާމަތްކޮށްފައެވެ.

އަޅުގަޑުމެން އެންމެންގެ ދުޢާއަކީ ކޯވިޑް-19ގެ މި ހިތްދަތި ޙާލަތުން އަރައިގަތުމަށް މުޅި ޤައުމު އެކުގައި މިކުރާ މަސައްކަތުގެ ހެޔޮ ނަތީޖާ ފެނި މިކަމުން ސަލާމަތްވުމެވެ.