ޚަބަރު

ކޯވިޑް-19 : ޑެލިވަރީއާއި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އައު ހުއްދައެއް ދޭން ފަށައިފި


ވިޔަފާރިކުރާތަން ހުޅުވައިގެން ޚިދުމަތްދޭން ބޭނުންވާ ފަރާތްތަކަށާއި، ޑެލިވަރީގެ ޚިދުމަތް ދޭންބޭނުންވާ ފަރާތްތަކަށް އެކަމުގެ ހުއްދައަށްއެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެގޮތުން މިއަދު މެންދުރު 12 އިން ފެށިގެން ހުއްދަ ދޫކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި މަޢުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ ޑެލިވަރީގެ ޚިދުމަތް ދޭންބޭނުންވާ ފަރާތްތަކަށާއި، ވިޔަފާރީގެ ޚިދުމަތް ދޭންބޭނުންވާ ފަރާތްތަކަށް މިއަދުންފެށިގެން އައު ފާހެއް ދޫކުރަން ނިންމާފައިވާކަމަށެވެ. ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޕޮލިސް ޕޯޓަލް މެދުވެރިކޮށެވެ. އެގޮތުން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ހުއްދައާއި، ކަންމަތީ ފިހާރަތަކާއި ހޯލްސެއިލް ވިޔަފާރިތަކާއި ޝޮޕިން މޯލްތަކަށްވެސް އެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ސަމީރު ވިދާޅުވިއެވެ.

"ޑެލިވަރީ ކުރާ ވެހިކަލަށް ދޫކުރަން ވަކި ފާހެއް. ޑެލިވަރީ ކުރަން އުޅޭ ފަރާތްތަކަށް ވަކި ފާހެއް އަދި ފިހާރަތަކުގެ ސަޕޯޓް ސްޓާފުންގެ ގޮތުގައި މަސައްކަތްކުރާ މީހުންނަށްވެސް ފާހެއް ލިބޭނެ. މީގެ އިތުރުން ޓެކްސީ ޕިކަޕް ވަކި ފަހެއް ޖުމްލަ 4 ޕާމިޓެއް މިދޫކުރަނީ. ބައެއް ވިޔަފާރީގައި ގިނަ އައުޓްލެޓް ހުންނައިރު ފަސޭހަވާނެ ރިކުއެސްޓްކުރާއިރު ޑެލިވަރީކުރަން ބޭނުންވާ ދެފުރޮޅުލީ އުޅަނދު އަދި ހަތަރުފުރޮޅުލީ އުނޅަދުގެ ރަޖިސްޓްރީ ނަންބަރު އަދި ސްޓަފްގެ އައިޑކާޑް އަދި ޕާސްޕޯތް ނަންބަރުތައް އެނޓާކުރެއްވީމަ ޕޯޓަލްއިންމެސެޖްދާނެ.އެއިން ޑައުންލޯޑްކުރެވޭނެ ޕާމިޓްތައް." ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އަލަށް ދޫކުރާ ފާސް ވެހިކަލެއްގައިނަމަ ފެންނަން ހުންނާނެހެން ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި މުވައްޒަފެއްނަމަވެސް ފާސް ގެންގުޅެން ވާނީ ފެންނަން ހުންނަ ގޮތަށް ކަމަށެވެ. ޕޮލިސް ޕޯޓަލްއިން ދޫކުރާ މި ހުއްދަަ ޑެލިވަރީކުރާ މީހާއަށާއި، އުޅަނދާއި، ސަޕޯޓް ސްޓާފަށް ދޫކުރުމުން ކުރިއަށްވުރެ ބޮޑަށް ލުއިފަސޭހަވަނެކަމަށް ފުލުހުން ވިދާޅުވެއެވެ. އައު ފާސް ލިބެންދެން ކުރީގެ ފާސް 48 ގަޑިއިރު ވަންދެން ބޭނުންކުރެވޭނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މާލެސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާޢު ޝަރީފް ވިދާޅުވީ، ސިޓީ ކައުންސިލްގައި ރަޖިސްޓްރާކުރާ ވިޔަފާރިތަކަށް ހުއްދަދެނީ އެކައުންސިލުން ނޫންކަމަށެވެ. ވިޔަފާރީގެ ޚިދުމަތްދޭން ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ސިޓީކައުންސިލުން އެއްކުރިނަމަވެސް ހުއްދަދޭނީ ފުލުހުންކަމަށް ޝަމާޢު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވެބްސައިޓަށް ވަނީމަ ފެންނަންހުންނާނެ މަޢޫލޫމާތު ވިޔަފާރީގެ ޚިދުމަތްދޭ ތަންތަން. ފިހާރަތައް ކެފޭތައް ރެސްޓޯރަންޓްތައް. އެ މަޢުލޫމާތު ފެންނަންހުންނާނީ. އެ މަޢުލޫމާތު ފުލުހުންނާ އަޅުގަނޑުމެން ހިއްސާކުރަން." ޝަމާޢު ވިދާޅުވިއެވެ.

މި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރްޔަމް ވިސާމް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ޚިދުމަތްދޭނެ ފަރާތްތައް ކޮންމެ ދުވަހަކު ޝާއިޢުކުރަމުން ގެންދިއުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ. އޭގެ ސަބަބުން ހަމައެކަނި ޑެލިވަރީގެ ޚިދުމަތްދޭތަންތަނާއި ޢާންމު ވިޔަފާރިއަށް އެދުވަހެއްގައި ހުޅުވާނެ ތަންތަން އެނގިގެންދާނެކަމަށް ވިސާމް ވިދާޅުވިއެވެ.

"މިދިޔަ 14 ދުވަހުގެ ތަޖުރިބާއަށް ބަލާއިރު އާންމު ރައްޔިތުންނަށް ދަތިވި އެއްކަމަކީ ހުއްދަ އޮންނަ ކޮންމ ެފަރާތަކީ ސީދާ ޑެލިވަރީތޯ ނޫނީ ފިހާރަ ހުޅުވައިގެން ހުއްދަދެނީތޯ އެކަން ސާފްވެފައި ނެތުން. މިހާރު މަސައްކަތްކުރަނީމި ކޮންމެ ދުވަހަކު ހުއްދަދޫކުރުމާއެކު އެތަނުގެ ތަފްސީލް ޕޮލިހުން ނަމަވެސް ޝާއިޢުކުރުމަށް." ވިސާމް ވިދާޅުވިއެވެ.

މިހާރު ދޫކޮށްފައިވާ ވިޔަފާރި ހުއްދަތައް ބާތިލުކުރަން ނިންމީ ފުލުހުން ދޫކުރާ ފާހުގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ބޭނުންކުރަމުން އަންނާތީ އެކަން ހުއްޓުވުމަށްކަމަށް ފުލުހުން ވިދާޅުވެއެވެ.