ޚަބަރު

އާމިނަތު އާދަމްގެ މަރުގެ ހާދިސާގެ ކަންކަން މިނިސްޓްރީން ބަލަން ފަށައިފި


ކޯވިޑް-19 ޖެހިގެން ރޭ ނިޔާވި އާމިނަތު އާދަމްގެ މަރުގެ ހާދިސާއާއި ގުޅިގެން މިނިސްޓްރީން ބަލަންޖެހޭކަންކަން ބަލަން ފަށާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، އާމިނަތު އާދަމްގެ މަރުގެ ހާދިސާއާ ގުޅޭގޮތުން ހޯދަންޖެހޭ ތަފްސީލްތައް ހޯދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރައްވަމުން އަންނަކަމަށެވެ. މަރްހޫމް އާމިނަތު އާދަމް އަކީ އެމްއެޗްއޭ ކްލަސްޓާއާއި ގުޅުންހުރި މީހެއްކަމަށާއި، މި ކްލަސްޓަ ފެށިފައިވަނީ 72 ނަންބަރު ކޭސްއިންކަމަށް މަބްރޫކް ވިދާޅުވިއެވެ. ކޭސް ނަންބަރު 72 އަކީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މަބްރޫކް ވިދާޅުވީ 72 ނަންބަރު ކޭސްގެ ޕްރައިމަރީ ކޮންޓެކްޓް ނުވަތަ ސީދާ ދިމާވެގެން ބަލިޖެހިފައިވާ މީހަކީ ކޭސް ނަންބަރު 126 ކަމަށާއި، އޭނާއަކީ އާމިނަތު އާދަމްއާއި ބައްދަލުވި މީހާކަމަށެވެ. ކޭސް ނަންބަރު 126 އަކީ ޢުމުރުން 52 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ދެމީހުން ބައްދަލުވެފައިވަނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ.

އާމިނަތު އާދަމް ދިރިއުޅުނު ޢިމާރާތް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ އޭޕްރީލް 21 ވަނަ ދުވަހުއެވެ. އެ ގެ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ އެމްއެޗްއޭގެ ވެހިކަލެއްގެ ދެ ޑްރައިވަރުން އެގޭގެ އެހެން ފަންގިފިލާއެއްގައި އުޅޭތީކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. އެ ދެ ޑްރައިވަރުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މަބްރޫކް ވިދާޅުބީ އާމިނަތު އާދަމްގެ ސާމްޕަލް ނަގަން ރިކުއެސްޓްކޮށްފައިވަނީ އޭޕްރީލް 27 ވަނަ ދުވަހުކަމަށާއި، ސާމްޕަލް ނަގާފައިވަނީ އެރޭ ދަންވަރު 03:45 ގައިކަމަށެވެ. ނަމަވެސް ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ އާމިނަތު އާދަމް ނިޔާވި ފަހުން ރޭ ދަންވަރު 12:00ގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ރޭ 6:15 ހާއިރު ނޭވާލާން އުނދަގޫވާކަމަށް އެނގުމުން އައިޖީއެމްއެޗަށް ގެންދިއުމަށް މަސައްކަތްފެށި. އެގަޑީގައި ގެންދިޔައިރު ވަނީ ނިޔާވެފައި. އެމްބިއުލާންސްގައި ތިބި ޑްރައިވަރުންނަށް މޮނިޓަރިންގެ ކަމަށް އިނގޭނެކަމަށް ވަނީ މަޢުލޫމާތުލިބިފަ. އެމްބިއުލާންސް ކްރޫއިން ތިބީ ޕީޕީއީ އަޅައިގެން. އީއާރުގައިވެސް އެންމެން ތިބީ ޕީޕީއީ އަޅައިގެން. އެއްވެސް މީހަކު އައިސޮލޭޝަނަށް ގޮސްފައިނުވާނެ." މަބްރޫކް ވިދާޅުވިއެވެ.

އާމިނަތު އާދަމް ވަޅުލުމުގެ އިންތިޒާމް ކުރިއަށް ގެންދިޔަގޮތުގެ ތަފްސީލް ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ، އާމިނަތު އާދަމް ހިނެވުމުގެ ބަދަލުގައި ތަޔަށްމަމުކޮށްފައިވާކަމަށެވެ. ތަޔަށްމަމު ކުރަން ނިންމީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްއައި އިސްލާމިކް މިނިސްޓްރީން މަޝްވަރާކުރުމަށްފަހު ކަމަށާއި، ބައްޔަށް ޝައްކުކުރެވޭ މީހުންނާއި، ޕޮޒިޓިވްވި މީހުން ވަޅުލާނީ ތަޔަންމަމު ކުރުމަށްފަހުގައިކަމަށް ނިންމާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަރްހޫމް އާމިނަތު އާދަމްގެ ފިރިމީހާވެސް ކޯވިޑަށް ޕޮޒިޓިވްވެފައިކަމަށާއި، އޭނާއަށް ފަރުވާދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައިކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އޭނާގެ ހާލު ސްޓޭބަލްކަމަށްވެސް އޭނާ ވިދާޅުވިއެވެ.