ޚަބަރު

ޒިންމާދާރު ގޮތުގައި ނޫސްވެރިކަމާއި މީސް މީޑިއާ ބޭނުންކުރުން މުހިންމު


ކޯވިޑް-19 ފަދަ ބަލިކަމެއްގެ ބަނަކަން ވަށާލާފައިވާ ދަނޑިވަޅެއްގައި، ހަމަހިމޭންކަމާއި އެއްބައިވަންތަކަމާއެކު ދިރިއުޅުމުގެ ކަންކަން ބައްޓަންކުރުމަކީ ޤައުމުގެ ކޮންމެ ފަރުދަކުވެސް ބޭނުންވާނެ ކަމެކެވެ. ދިވެހީންނަކީ އެއްބައިވަންތަ ކަމާއި އެއްބައެއްވަންތަ ކަމުގެ މަތީގައި ދިރިއުޅުމުގެ ކަންކަން ބައްޓަންކުރަމުން އައިސްފައިވާ ބައެކެވެ. މުޖްތަމަޢުގެ ހަމަޖެހުމާއި އެއްބައިވަންތަކަށް ދެމެހެއްޓުމަކީ ދިވެހީންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ މާތް ސިފައެކެވެ. އަޅުގަނޑުމެން ދިވެހިންނަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ދިރިއުޅެމުންދާ ރައްޔިތެކެވެ.

މިއަދުގެ ދުނިޔެ މިވަނީ ބަވަނަވެފައެވެ. ދުނިޔެ މިވަނީ ފުޅާދާއިރާއެއްގައި ހުޅުވާލެވިފައެވެ. ޚަބަރާއި މަޢުލޫމާތު ފޯރުވުމުގައި ހުރަހެއް ނެތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަމުގެ ތާޒާ ޚަބަރާއި މަޢުލޫމާތު ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނާ ހަމައަށް ފޯރައެވެ. މީސް މީޑިއާ އާއި ޚަބަރުފަތުރާ ތަފާތު ވަޞީލަތްތަކުގެ ޒަރިއްޔާއިންނެވެ. ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި އެއްބަޔަކު އަނެއް ބަޔެއްގެ މައްޗަށް ކުރިއަރާ ދިއުމުގެ ރޫޙެއް ވަނީ އަށަގެންފައެވެ. އެކަމުގެ ސަބަބުން ދޮގު ޚަބަރާއި ޞައްޙަނޫން މަޢުލޫމާތު ފެތުރުން މިއަދު ވަނީ ޢާންމު ވެފައެވެ. އެކަމުގެ ނުރައްކާތެރިކަންވަނީ ބޮޑުވެފައެވެ. މި ނާޒުކު ދަނޑިވަޅުގައި، ކޯވިޑް-19އާ ބެހޭ ޞައްޙަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމާބެހޭ ބައިނަލްއަޤްވާމީ މައި އިދާރާތަކުންވެސް އެދަނީ ވަރަށްބޮޑަށް ބާރުއަޅަމުންނެވެ.

މާތް ވެގެންވާ އިސްލާމްދީނުގައި ތެދު މަޢުލޫމާތާއި ޚަބަރު ފެތުރުމަށް ނުހަނުބޮޑަށް ބާރުއަޅައެވެ. ދޮގު ވާހަކަތައް ފެތުރުމުގެ ނުބައިކަމާއި އެފަދަ ވާހަކަތައް ޤަބޫލުކުރުމުގެ ނުބައިކަމާއި އެކަމުގެ ސަބަބުން ކުރިމަތިވާނޭ މުސީބާތްތަކުގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިކަން ޢިލްމުވެރިންގެ ވާހަކަތަކުން އަޅުގަނޑުމެންނަށް އެނގެއެވެ. ޞައްޙަ ޚަބަރާއި ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. ޚާއްޞަކޮށް މީޑިއާތަކާއި އެދާއިރާގައި ޙަރަކާތްތެރިވާ ނޫސްވެރިންގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުމުގެ މުހިއްމުކަން މިވަނީ ބޮޑުވެފައެވެ. ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުން އަދާކުރަމުން އެގެންދަނީ މުހިންމު ޒިންމާއެކެވެ. ދީނީގޮތުންނާއި ޤައުމީ ގޮތުން އެފަރާތްތަކާ ޙަވާލުވެފައިވަނީ ޞައްޙަ މަޢުލޫމާތާއި ޚަބަރު ފެތުރުމުގެ މަތިވެރި ޒިންމާއެވެ.

ދޫ ރައްކާތެރިކުރުމަށް އިސްލާމްދީން ބާރުއަޅައެވެ. ނެތިމޮށުމާއި ޣީބަ ބުނުންފަދަ ނުބައި ޢަމަލުތަކުން ދުރުހެލިވުމަށް މާތްﷲ އަމުރުކުރައްވާފައިވެއެވެ. މިފަދަ ނުބައި ޢަމަލުތަކުން ދުރުހެލިވުމަށް ކީރިތި ރަސޫލާ އިރުޝާދުދެއްވައި، އެކަލޭގެފާނުގެ ދިރިއުޅުއްވުމުގައި ރިވެތި ނަމޫނާ ދައްކަވާފައިވެއެވެ.

އަޅުގަނޑުމެން ދައްކާ ވާހަކައާއި އެހެން މީހުންނަށް ފޯރުކޮށްދޭ މަޢުލޫމާތުތައް، އިސްލާމީ ޝަރުޢީ ހަމަތަކުގެ މައްޗަށް ބިނާކުރަންޖެހެއެވެ. ޚަބަރާއި މަޢުލޫމާތު ވާންޖެހޭނީ ތެދު ޙަޤީޤަތަށެވެ. ފިތުނަ ފަސާދަ އުފައްދައި މުޖްތަމަޢުގެ އެއްބައިވަންތަކަން ނަގާލާ ކަމަށް ވެގެންނުވާނެއެވެ. އެއްވެސް މީހެއްގެ ޒާތީ މަޢުލޫމާތު ނަހަމަގޮތުގައި ހާމަކޮށްގެން ނުވާނެއެވެ.

ހީލަތްތެރިކަމާއެކު ފޯރުކޮށްދޭ ޚަބަރަކަށް ޚަބަރު ވެގެންނުވާނެއެވެ. އޮޅުވާލުމާއި، މުންކަރާތްތަކަށް ވާގިދޭ މަޢުލޫމާތަކަށް ވެގެން ނުވާނެއެވެ. ފަތުރާ ޚަބަރެއްގެ ސަބަބުން އެއްވެސް އިންސާނެއްގެ ކަރާމަތަށް އުނިކަމެއް އައުމަކީ، ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދިގެން ހިނގައިދާނެ ކަމެކެވެ. އިންސާނުންގެ އަބުރާއި ކަރާމާތް ރައްކާތެރި ކުރުމަކީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރެއިން އެއް އަސާސެވެ. މިފަދަ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ބިރުވެރިކަމާއި ކަންބޮޑުވުން އިޙްސާސްކުރެވޭ ދަނޑިވަޅެއްގައި، މިކަންކަމަށް ސަމާލުކަން ދިނުން އިހުނަށްވުރެ މުހިންމެވެ.

މުޖުތަމަޢުގައި ހިނގާ ކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ނޫސްވެރިންނާއި ޚަބަރު ފަތުރާ ފަރާތްތަކުން އަދާކުރަމުން އެދަނީ މުހިއްމު ދައުރެކެވެ. މުޖްތަމަޢުގެ ފަރުދުންގެ ދިރިއުޅުމުގެ ޙާލަތު ބަދަލުކުރުމާއި ހޭލުންތެރި ކުރުމާއި ތަހުޒީބީ މުޖްތަމަޢެއް ބިނާކުރުމުގައި އެފަރާތްތަކުން އަދާކުރާ މުހިއްމު ދައުރު، އަޅުގަނޑުމެން ހަނދާން ނައްތާލައިގެންނުވާނެއެވެ. ޤައުމު އިސްލާޙް ކުރުމާއި ޒިންމާ ދާރުކުރުވުމުގައި އެފަރާތްތަކުން އަދާކުރަމުންދާ ރޯލަށް އަޅުގަނޑުމެން ހިތްވަރު ދޭންޖެހެއެވެ. ޒިންމާދާރު ނޫސްވެރިކަމަކީ ޑިމޮރެސީގެ ހަތަރު ވަނަ ބާރުކަމުގައި ފާހަގަކުރަމުންދަނީ މިހެންވެގެންނެވެ.

މިދެންނެވި މަތިވެރި ޒިންމާ އަދާކުރުމުގެ ބަދަލުގައި ބައެއް މީޑިއާތަކުންނާއި ނޫސްވެރިން މިދެންނެވި އަސާސުން ބޭރުން ޢަމަލުކުރަމުންދާކަމީ، ހިތާމަ ހުރިކަމެކެވެ. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ މައިގަނޑު އަސާސަކަށްވާންޖެހޭނީ މުޖްތަމަޢުގެ ހެވާއި ލާބަޔަށްޓަކައި މަސައްކަތްކުރުމެވެ. ޒިންމާދާރު ކަމާއި ތެދުވެރިކަމާއި އަމާންނާތްތެރިކަމާއެކުގައި މިދައުރު އަދާކޮށްފިނަމަ، ރިވެތި އަޚްލާޤާއި ރިވެތި އާދަކާދަތަކުގެ މަތީގައި މުޖްތަމަޢު ބިނާވެގެންދާނެއެވެ.

މީސްމީޑިއާ ބޭނުން ކުރާ ފަރާތްތަކުގެ އަދަދުވެސް މިވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. މި ކުޑަކުޑަ މުޖްތަމަޢުގައިވެސް މީސް މީޑިއާ ބޭނުން ކުރާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ކޮންމެ ވަޞީލަތެއް ބޭނުން ކުރިކަމުގައި ވިޔަސް ފޯރުކޮށްދޭ މަޢުލޫމާތަކީ ތެދު މަޢުލޫމާތު ކަމުގައި ހަދަންޖެހެއެވެ. ޚަބަރުތައް ފަތުރަންވާނީ އިސްލާމީ ރިވެތި އަޚްލާޤަށް އިޙްތިރާމްކޮށް، ޝަރުޢީ އިމުގެ ތެރޭގައެވެ. ބޭނުންހައި އެއްޗެއް ހިތުހުރި ގޮތަކަށް ހާމަކުރުމަކީ، މި ކުޑަކުޑަ އިސްލާމީ މުޖްތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަމަށް ލޮޅުން އަރާނެ ކަމެކެވެ. ދޮގު ވާހަކަތައް ހަދައި، ފަސާދައިގެ މަގަށް ހުޅުވޭ ކޮންމެ ދޮރަކީ، ނަފްސާނީ ގޮތުންނާއި އިޖްތިމާޢީ ބަލިމަޑުކަމެއް އުފެދިގެން ހިނގައިދާނެކަމެކެވެ.

ދިވެހިވަންތަކަމުގެ މަތިވެރި ސިފަތަކުން ޒީނަތްތެރިވުމަށް ޤައުމުގެ ޙާލުގެ ދުލުން ގޮވަމުންދާއިރު، މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ލިބިފައިވާ ހުސްވަގުތުގައި ހެޔޮ ޢަމަލުތައް ގިނަކުރަންޖެހެއެވެ. މީސް މީޑިއާ ބޭނުންކުރުމުގައި ގިނަ ވަގުތުތައް ފުރާލައި، ދެކޮޅުވެރިކަމުގެ ޝުޢޫރުތައް ފާޅުކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ހަމައެހެންމެ، ދިވެހީންގެ ރީތި އާދަކާދައާ ޚިލާފު ކަންކަމަށް ހިތްވަރުދިނުމަކީ ޒިންމާދާރު މީޑިއާއެއްގެ އަސާސެއް ނޫނެވެ. ދިވެހީންގެ އެއްބައިވަންތަކަން ރޫޅި، އަޚްލާޤީ ފޭރާން ވީދިގެންދާކަށް އެއްވެސް ދިވެހި ރައްޔިތަކު ބޭނުމެއް ނުވާއެވެ.