ޚަބަރު

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު މީހެއް


އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކި މާބަނޑު އަންހެނަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މާބަނޑު އަންހެން މީހާ ހޮސްޕިޓަަލަށް ދައްކާފައިވަނީ މީގެ ދެދުވަސްކުރިންކަމަށާއި، އޭނާގެ ފަރާތުން ބަލީގެ އެއްވެސް ޢަލާމާތެއް ނުފެންނަކަމަށެވެ. އޭނާގެ ސާމްޕަލްގެ ނަތީޖާ މިއަދު ލިބި ޕޮޒިޓިވްވުމުން ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާކަަމަށާއި، ނަމަވެސް އޭނާގެ ޙާލު ރަނގަޅުކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19އަށް މިއަދު 45 މީހުން ޕޮޒިޓިވްވީއިރު އޭގެތެރޭގައި މިމާބަނޑު އަންހެންމީހާ ހިމެނެއެވެ. މީގެ ކުރިންވެސް މާބަނޑު އަންހެނަކު ބައްޔަށް ޕޮޒިޓިވްވިކަން އެންއީއޯސީން ހާމަކުރައްވާފައިވެއެވެ. ބައްޔަށް ޕޮޒިޓިވްވާ މާބަނޑު މީހުންނާމެދު ޢަމަލުކުރަނީ ޚާއްޞަ އުސޫލަކުންކަމަށްވެސް އެންއީއޯސީން ވިދާޅުވެއެވެ.

މިހާތަނަށް ރާއްޖެިން ވަނީ ކޯވިޑް-19އަށް 517 މީހުން ޕޮޒިޓިވްވެފައެވެ. މިހާތަނަށް ދިހަ ހާސް ހަތަރުސަތޭކައަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު 576 ސާމްޕަލްގެ ނަތީޖާ ލިބިފައިނުވާކަމަށް އެންއީއޯސީން ވިދާޅުވެއެވެ.